ޚަބަރު

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން‌‎ ‌‏ހުޅުއްވާލައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ މަޖިލީހުން ޢާއްމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާލިބުނު ކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓުގައި އޮޑިޓަރ ޖެނެރަލްގެ މަޤާމު ފުރުއްވި ހަސަން ޒިޔަތުގެ ނަން އޮތުމުން މިމަހުގެ 12 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ޒިޔަތު ވިދާޅުވީ ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ، ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކޭކަމަށާއި، އެހެންކަމުން ތަހުޒީބު މުޖުތަމައު ތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާދެއްވާފައިވާކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ އޮޑިޓަރ ޖެނެރަލް ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖޫން މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. ‌‏އަދި، މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ. ‌