ޚަބަރު

ޖޫން 8ގެ ނިޔަލަށް މާލެ ސަރަޙައްދުގެ ސަރުކާރު އޮފީސް މުވައްޒަފުން މަސައްކަތްކުރާނީ ގޭގަ


ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖައްސަވާފައިވާ މުއްދަތު އަންނަމަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މި ފިޔަވަޅަކީ މާލެ ސަރަޙައްދަށް އަޅާފައިވާ ފިޔަވަޅެކެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މާލެ ސަރަހައްދުގެ ސަރުކާރު އޮފީސްތަކަށް މުޢައްޒަފުން ނެރެގެން މަސައްކަތްކުރުން މަޑުޖައްސާލީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ. ކޮންމެ ހަފްތާއަކުން މި މުމުއްދަތު އިތުރުކުރަމުން އަންނައިރު، މިއީ މުއްދަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ތިންވަނަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައިވާ ގޮތުން މިމުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދަންނަވާފައެވެ. އަދި އެމަނިކުފާނުވަނީ ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދިނުމަށާ، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން ނޫނީ މުވައްޒަފުން ހާޒިރުނުކުރުމަށް އަންގާފައެވެ. މުވައްޒަމުން ނެރެގެން މަސައްކަތްކުރާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސްވަނީ އަންގާފައެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ ބޭނުމަކީ ކޯވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. ހަމަ އެއާއެކު މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވަނީ އަންގަވާފައެވެ.