ކުޅިވަރު

ކުލަބްތަކުގެ މަޝްވަރާއާއެކު އެމްބީއޭގެ ކަލަންޑަރަށް ބަދަލު ގެންގަނީ


ކުލަބްތަކާއި މަޝްވަރާ ކުރުމަށްފަހު، މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް މިހާރު ގެންނަން ޖެހޭކަމަށް މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން މިދިޔަ އަހަރު އެމްބީބީއޭ އަށް އެއްވެސް މުބާރާތެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި މިއަހަރުވެސް ބާސްކެޓްގެ އެއްވެސް މުބާރާތެއް ކޯވިޑް-19ގެ ސަބަބުން ކުރިއަށް ގެންދެވިފައިނުވާއިރު، އެޗްޕީއޭއިން ދިން ލުއިތަކާއެކު ބާސްކެޓްގެ ވެޓްރެންސް މުބާރާތެއް ކުރިއަށް ގެންދިއުމަށް މިއަހަރުގެ ކުރީކޮޅުގައި މަސައްކަތް ކުރިނަމަވެސް މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން، އެޗްޕީއޭއިން ފިޔަވަޅުތަށް ވަރުގަދަ ކުރިއިރުގައި، ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަންވެސް ބަންދުކޮށްފައިވެއެވެ. އެހެންކަމުން ވެޓްރަންސް މުބާރާތްވެސް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނެވެ.

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ މިއަހަރުގެ 5 މަސްދުވަސް މިދިޔައީ އެސޯސީއޭޝަނުން އެކުލަވާލި ކަލަންޑަރުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވިކަމަށާއި ކޮވިޑް-19އިން ލުއިލިބި ކުޅިވަރު މުބާރާތްތަކާއި ޓީމްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހުއްދަ ލިބުނުހާ އަވަހަކަށް މުބާރާތްތައް ކުރިއަށް ގެންދާނެކަމަށް އަހުމަދު އާދަމް ވިދާޅުވިއެވެ. އަދި ލުއިތައް ލިބުމާއެކު ކުލަބްތަކާއެކު މަޝްވަރާކުރުމަށްފަހު، ކަލަންޑަރަށް ބަދަލް ގެނެއުމަށް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވީ ކަލަންޑަރަށް ބަދަލު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ މިހާރު ކަލަންޑަރު އެކުލަވާލާފައިވާ ގޮތުން ކަލަންޑަރުގެ ކުރީކޮޅުގައި ހިމެނޭ ބައެއް މުބާރާތްތަކަކީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅެވޭ މުބާރާތްތަކަށްވާއިރު، މިވަގުތު ޒުވާނުންގެ މަރުކަޒު ބޭނުން ކުރަމުންދަނީ ކޮވިޑް-19ގެ ވެކްސިން ޖެހުމާއި ކޯވިޑަށް ޓެސްޓް ކުރުމުގެ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަމުންދާތީ ކަމަށެވެ.

ކުލަބްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ކުލަބްތަކުގެ ވިސްނުމާއި އެއްގޮތަށް ކަލަންޑަރުގައި ހުރި ބައެއް މުބާރާތްތައް އިސްފަސް ކުރުމަށްފަހު، ޒުވާނުންގެ މަރުކަޒު ލިބެންދެން އައުޓްޑޯގައި ކުރިއަށް ގެންދެވެން ހުރި މުބާރާތްތައް އެންމެ ފުރަތަމަ ކުރިއަށްގެންދާނީކަމަށެވެ. އަދި ބައެއް މުބާރާތްތައް މިއަހަރު ނުކުޅެ ދޫކޮށްލަން ޖެހިދާނެކަމުގެ އިޝާރާތެއް މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ދީފައިވާއިރު، ގައުމީ ލީގުގައި ގައުމީ މުބާރާތުގެ އިތުރުން އެމްބީއޭ ޗެންޕިއަންޝިޕް ބާސްކެޓް ބޯޅަ މުބާރާތަކީ ކުލަބްތަކަށް ވަރަށް މުހިންމު މުބާރާތަކަށްވާއިރު، މިތިން މުބާރާތް ކުރިއަށްގެންދެވޭނެ، ކިތަންމެ ކުޑަ ފުރުސަތެއް ލިބުނުނަމަވެސް މިތިން މުބާރާތް ކުރިއަށްގެންދާނެކަމަށް އަހުމަދު އާދަމް ވިދާޅުވިއެވެ.

އިންޓަރސްކޫލް މުބާރާތް މިއަހަރު ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވީނަމަވެސް، 18އަހަރުން މަތީގެ މީހުންނަށް ހަމައެކަނި ވެކްސިން ޖެހުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާއިރު، އިންޓަރ ސްކޫލްގެ މުބާރާތްތައް ކުރިއަށްގެންދިއުމާއި ބެހޭގޮތުންވެސް ކުލަބްތަކާއި ޔޫތު މިނިސްޓްރީ އަދި އެޗްޕީއޭއާއެކުވެސް މަޝްވަރާ ކުރާނެކަމަށް ރައީސް އަހުމަދު އާދަމް ވިދާޅުވިއެވެ. މިއަހަރުގެ ބާސްކެޓް ކަލަންޑަރަށް ގެންގަން ބޭނުންވާ ބަދަލުތައް އެމްބީއޭގެ އެކްސްކޯއާއި މިހާރު ހިއްސާކޮށްފައިވާއިރު، ދެން ކަލަންޑަރު ފައިނަލް ކުރާނީ ކުލަބްތަކާއިއެކު މަޝްވަރާކުރުމަށްފަހުގައެވެ.

ބާސްކެޓްގެ ކުލަބްތަކުގެ ކުޅުންތެރިންގެ ތެރެއިން 80 ޕަސެޓް ކުޅުންތެރިން މިހާރު ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ކުލަބްތަކުގެ ކޯޗުންނާއި ހުރިހާ އޮފިޝަލުންވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

ކަލަންޑަރުގައި މިވަގުތުވާގޮތުން ބާސްކެޓްގެ އެންމެ ފޯރި ގަދަ މުބާރާތް ގައުމީ ލީގާއި، ގައުމީ މުބާރާތް ތާވަލްކޮށްފައިވަނީ އޮކްޓޯބަރު އަދި ނޮވެމްބަރު މަހަށެވެ.