ކޯވިޑް-19އަށް ފަރުވާދެމުންދަނިކޮށް އައްޑޫ ސިޓީގައި މީހަކު ނިޔާވެއްޖެއެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 140ވަނަ މީހާއެވެ. އަދި މިއަދުގެ މިހާތަނަށް ނިޔާވި 11ވަނަ މީހާއެވެ. މިއަދުވެފަވަީ ކޯިޑް ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވި ދުވަހަށެވެ.
އައްޑޫ ކޯވިޑް މެޑިކަލް ފެސިލިޓީއިން ވިދާޅުވީ މިރޭ 10:15 ހާއިރު އެފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާކަމަށެވެ. މިއީ އައްޑޫގައި މިބަލިޖެހިގެން މިހާތަނަށް ނިޔާވި ފުރަތަމަ މީހާއެވެ.
ކޯވިޑް-19އަށް ފަރުވާދެމުންދަނިކޮށް މިއަދު ދެން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 9 މީހަކާއި ޅ.ހިންނަވަރު ސިއްޙީ މަރުކަޒްގައި ފަރުވާދެމުންދިޔަ މީހެކެވެ.
މިބަލީގައި މިހާތަނަށް 140 މީހަކު ރާއްޖެއިން ނިޔާވެފައވާއިރު މީގެތެރޭގައި ހިމެނެނީ 124 ދިވެހިންނާއި 16 ބިދޭސީންނެވެ. ބައްޔަށް ސައުވީސް ހާހަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނައިރު 282 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެނެވެ.