ޚަބަރު

ޖޫން ފުރަތަމަ ހަފްތާގައި ހޯރަފުއްޓަށް އަލުން ވައިގެ ދަތުރުތައްފަށަނީ


ޖޫން ފުރަތަމަ ހަފްތާގައި ހޯރަފުށީ އެއަރޕޯޓަށް އަލުން ދަތުރުތައް ފެށުމުގެ ތައްޔާރީތައް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ފަށައިފިއެވެ. މޫސުން ގޯސްވެ އުދައެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް މެދުކަނޑާލީ މިމަހުގެ 14ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، އުދައެރުމާ ވިއްސާރައިގެ ސަބަބުން ހޯރަފުށީ އެއަރޕޯޓް ޓަރމިނަލަށް ލިބުނު ގެއްލުންތައް ރަނގަޅުކުރުމުގެ މަސައްކަތް އެމްޓީސީސީއާއެކު ފަށައިގެން ކުރިއަށްދާކަމަށެވެ. އެމްޓީސީސީއާއި ރަށުގެ ރައްޔިތުން ގުޅިގެންވަނީ އެއަރޕޯޓް ސާފުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން އުދައެރުމުގެ ސަބަބުން ރަންވޭއަށް އަރާފައިވާ ވެލިތައް ސާފުކުރުމުގެ މަސައްކަތްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.

ރިޒްވީ ވިދާޅުވީ ރަންވޭ މަތީގައި ބޯކޮށް ވެލިއަރާފައިވާ ސަރަޙައްދުތައް ހުރުމާއެކު، ރަންވޭ ސާފުކޮށް އެއަރޕޯޓަށް ކުރިމަތިވި އިތުރު މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ އުޅަނދުތައްވެސް މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. ރިޒްވީ ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި ރަންވޭ ސާފުކުރުމުގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށެވެ. އަދި އެއަށްފަހު ރައްކާތެރިކަމުގެ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަމުގެ އެސެސްމަންޓްތައް ކުރިއަށްގެންދާނެކަމަށެވެ.

ރީޖަނަލް އެއަރޕޯޓްސްއިން މަސައްކަތްކުރަމުންދަނީ އަންނަ ޖޫންމަހުގެ ފުރަތަމަ ހަފްތާއަށް މަސައްކަތްތައް ނިންމާ، އަލުން އެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށްކަމަށް ރިޒްވީ ވިދާޅުވިއެވެ.

"މިމަސައްކަތްކުރަނީ ފެށޭ މަހު ފުރަތަމަ ހަފްތާގައި ދަތުރުތައް އަލުން ފަށަން. މި ކުރާ މަސައްކަތްތައް ދިހަވަރަކަށް ދުވަހުން ނިންމާލެވޭނެ. އެކަމަޑޭޝަން ބްލޮކްއާއި ޓަރމިނަލްގަ ގެއްލުންތައް ހުރީ. ރަންވޭގެ ބޮޑުބައިވަނީ ސާފުކޮށްފަ، ނަމަވެސް އެއްކޮށް ސާފުކުރެވުނީމަ ޙާލަތު ރަނގަޅަށް ދެނެގަނެވޭނީ." ރިޒްވީ ވިދާޅުވިއެވެ.

ހޯރަފުށީ އެއަރޕޯޓުގައި ލަގެޖް ސްކޭން މެޝިން ބަހައްޓާ އެއަރޕޯޓް ރަނގަޅަށް އޮޕަރޭޝަނަށް ގެނެވިފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ.

ނަމަވެސް މިމަހުގެ މެދުތެރޭ އުތުރަށް މޫސުން ގޯސްވެ، ބޮޑެތި ގެއްލުންތަކެއް އެއަރޕޯޓަށް ވަނީ ލިބިފައިވެއެވެ. ވައިގަދަވެ ޓަރމިނަލްގެ ދޮރުތައްވެސް ވެއްޓިފައިވެއެވެ. އަދި ހޯރަފުއްޓާއި އެއަރޕޯޓް ގުޅާދޭ ކޯޒްވޭއަށް ބޮޑެތި ގެއްލުންވެ، ކޯޒްވޭގަ ޖަހާފައިވާ ލައިޓްތައްވެސް ވެއްޓި ހަލާކުވެފައިވެއެވެ. އުދަ އެރުމުގެ ސަބަބުން ވެލި އަރާ ރަންވޭއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެއަރޕޯޓްގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.

ހޯރަފުށީ އެއަރޕޯޓްގެ އުމްރާނީ މަސައްކަތްތައް ކުރިއަށްގެންދަނީ އެމްޓީސީސީއިންނެވެ. މޫސުން ގޯސްވެ ދިމާވި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މޫސުން ރަނގަޅު ވުމާއެކު ޓަރމިނަލަށް ލިބުނު ގެއްލުންތައް ޙައްލުކުރަން ފަށާފައިވާކަމަށެވެ. އަދި ރަންވޭގައި އެއްވެސް މައްސަލައެއް ހުރިތޯވެސް ދެނެގަންނަމުންދާކަމަށެވެ.

އުދައެރުމުގެ ސަބަބުން އެއަރޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އެއަރޕޯޓް ޑިޒައިންނިންއާއި އިންފްރާސްޓްރަކްޗަރަލް މައްސަލަތަކެއްގެ ސަބަބުންކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ. މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓްގެ ވަށައިގެންވާ އިތުރު ސަރަޙައްދުތަކުގައި ތޮށިލާ، އެ ސަރަޙައްދު އިތުރަށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވާން ފަށާފައިވާކަމަށެވެ.