ޚަބަރު

ކޯވިޑް-19 : 7 ގަޑިރުއިރު ތެރޭގައި 5 މަރު


ކޯވިޑް-19ގައި 7 ގަޑިއިރު ތެރޭގައި 5 ދިވެހިން މިއަދު ނިޔާވެއްޖެއެވެ. މިއާއެކު މިމަހުގެ މިހާތަނަށް 61 މީހުންވަނީ ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މިއަދު 7:44 ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު މިއަދު ހުޅުމާކެ މެޑިކަލް ފެސިލިޓީން 4 މީހަކުވަނީ ނިޔާވެފައެވެ.

ކޯވިޑް ބަލީގައި މިއަދު ނިޔާވެފައިވާ އިތުރު މަރުތަކަށް ބަލާއިރު ފަތިހު 6:55 ހާއިރު އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކުވަނީ ނިޔާވެފައެވެ. އަދި ރޭ ފަތިހު 3:18 ހާއިރު އުމުރުން 77 އަހަރު ދިވެހި ފިރިހެނަކު ރޭ ފަތިހު 4:25 ހާއިރު އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކުވަނީ ނިޔާވެފައެވެ.

މިއަދުގެ ފުރަތަމަ މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 2:02ހާއިރުއެވެ. އުމުރުން 81 އަހަރު މިމީހާއަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ބަލީގައި އިއްޔެވެސް 6 މީހަކުވަނީ ނިޔާވެފައެވެ. މިއެންމެންނަކީވެސް ދިވެހިންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް ބަލީގައި 134 މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 119 ދިވެހިންނާއި 15 ބިދޭސީންނެވެ.

ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ ރާއްޖެއިން މިހާތަނަށް 55،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ މީގެ ތެރެއިން 32،000އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 23،000އަށްވުރެ ގިނަ މީހުން ތިބި ކަމަށް އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުންވަނީ ދައްކާފައެވެ.