ކޯވިޑް-19އިން ރައްކާތެރިވުމަށް ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ބޭނުންކުރަމުން އަންނަނީ ވެކްސިންއެވެ. އެހެންނަމަވެސް ވެކްސިންއާއެކުވެސް ބަލި ފެތުރުން ކޮންޓްރޯލްކުރެވޭތަން ނުފެނިގެން ގިނަބަޔަކު ތިބީ ހާސްކަމެއްގެ ތެރޭގައެވެ. މީގެ ފަހަތުގައި އިތުރު ސަބަބެއްވެސް އެބައޮތެވެ. އެއީ ކޯވިޑްގެ ކޭސްތައް މަދުނުވެ ބަލިފެތުރޭ ނިސްބަތް އިތުރުވެ ބަލީގެ އާބާވަތްތައް އުފެދުމުގެ ސަބަބުން ވެކްސިންއަށް ވައިރަސް ނުގުޑާ ހިސާބަށް ދިޔުމުގެ ބިރެވެ. އެހެންނަމަވެސް އަލަށް ހޯދުނު ހޯދުމުން މިވަނީ ހިތްހަމަޖެހުމުގެ ނޭވާއެއްލެވޭނެ ފުރުސަތު ލިބިފައެވެ.
ދާދިފަހުން ޕަބްލިކް ހެލްތު އޮފް އިންގްލެންޑުން ކުރިއަށް ގެންދިޔަ ދިރާސާއަކުންވަނީ މިހާރު އެންމެ ބާރަށް ފެތުރެމުން އަންނަ ކޯވިޑްގެ ދެވޭރިއެންޓް ކަމަށްވާ އިންޑިއާގެ ވޭރިއެންޓާއި ޔޫކޭގެ ވޭރިއެންޓާ ދެކޮޅަށް އެސްޓްރާޒެނެކާގެ ވެކްސިންނާއި ބަޔޯއެންޑް ޓެކްގެ ފައިޒާ ވެކްސިން ފުރިހަމައަށް މަސައްކަތްކުރާކަން ވަނީ ހާމަވެފައެވެ.
އެގޮތުން ކޯވިޑްގެ އިންޑިއާ ވޭރިއެންޓް ހުއްޓުވުމުގައި ފައިޒާ ވެކްސިންގެ ޑޯޒް ފުރިހަމަކުރުމަށްފަހު ދެހަފްތާވުމުން 88 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމަށް މިދިރާސާއިންވަނީ ދައްކާފައެވެ. އަދި ޔޫކޭގެ ވޭރިއެންޓާ ދެކޮޅަށް 93 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭކަމަށްވެސް ވަނީ ހާމަވެފައެވެ.
ސިންގަޕޫރުގެ އެސްޓްރާޒެނެކާގެ ވެކްސިން މިދެވޭރިއެންޓާ ދެކޮޅަށްވެސް 60އާއި 66 އިންސައްތަ އާއި ދެމެދުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭކަމަށްވަނީ ދިރާސާއިން ދައްކާފައެވެ. އޭޕްރީލް މަހުގެ 5 އަކުން ފެށިގެން މޭއި މަހުގެ 16 ވަނަ ދުވަހާހަމައަށް 12600އަށްވުރެ ގިނަ މީހުން ހިމަނައިގެން ކުރިއަށްގެންދިޔަ މި ދިރާސާއަކީ ވޭރިއެންޓްތަކާއި ދެކޮޅަށް ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދެވުނު މިބާވަތުގެ ފުރަތަމަ ދިރާސާއެވެ.
ވައިރަސް ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ފެތުރުން ހަލުވިވެފައިވާކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ ވައިރަހަށް އައިސްފައިވާ ބަދަލެވެ. އެހެންކަމުން އަލަށް ހޯދުނު ހޯދުންތަކުން އެނގިގެންދަނީ މިބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ފުރިހަމަ ކުރުން މުހިންމު ކަމަށް ދިރާސާކުރިއަށްގެންގޮސްފައިވާ އިންގްލެންޑްގެ ސިއްޙީ އިދާރާއިން ފާހަގަކުރައްވައެވެ.
ރާއްޖޭގައިވެސް އާވޭރިއެންޓް އުޅުމުގެ ފުރުސަތު ބޮޑުކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. ރާއްޖޭގައި އުޅޭ ވޭރިއެންޓްގެ ހަގީގަތް ބެލުމަށް ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވާފައިވާއިރު އަދި ނަތީޖާއެއް ނުލިބެއެވެ. އެހެންކަމުން ރާއްޖޭގައިވެސް ވެކްސިން ފުރިހަމަކުރުމަކީ އެންމެ އިސްކަންދީގެން ކުރަންމިވަގުތު އޮތްކަންތަކެވެ.