ވިޔަފާރި

މިމަހު އެކަނިވެސް ބައި ލައްކައަށް ވުރެ ގިނަ ފަތުރުވެރިން


މިމަހުގެ މިހާތަނަށް ރާއްޖެއަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 50،525 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 4،40295 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ފާއިތުވި 4 މަސް ދުވަހު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އައިސްފައިވަނީ 92،103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 96،882 ފަތުރުވެރިން އައިސްފައިވާއިރު މަރޗުމަހު 1،09585 ފަތުރުވެރިން އަދި ނިމުނު އޭޕްރީލްމަހު ރާއްޖެއަށް 91،200 ފަތުރުވެރިންވަނީ އައިސްފައެވެ.

ފާއިތުވި މަސްތަކާއި އަޅާ ބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދު ދަށްކަން ފާހަގަކޮށްލެވެއެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ލަފާކުރެވެނީ، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އައުން ހުއްޓުމާއި ރާއްޖޭގެ ކޯވިޑް ހާލަތު ގޯސްވެފައިވުމުން އެހެން ޤައުމުންތަކުންވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވުމެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ 23 އިންސައްތައަކީ ރަޝިއާ ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން މިމުއްދަތުގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 20.3 އިންސައްތަ އަކީ އިންޑިއާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 2297 ފަތުރުވެރިންނެވެ. ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.