ޚަބަރު

މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސްގެ ހަގީގަތަކީ ކޮބާ؟


ކޯވިޑް-19ގެ ބިރުވެރިކަން އިތުރުވެފައިވަނިކޮށް ގިނަބަޔަކަށް ހާސްކަން ގެނުވި އިތުރު ބައްޔެއްގެ ވާހަކަ މިހާރުވަނީ އާއްމުވެފައެވެ. ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސްއަކީ ވައިގެ ތެރޭގައި ދައުރުވާ މޯލްޑެއް ނުވަތަ ޖަރާސީމުގެ ބާވަތެއްކަމަށްވާ މިއުކޯމައިސީޓްސްއިން ޖެހޭ ބައްޔެކެވެ. އާއްމުގޮތެއްގައިވެސް އިންސާނުން ދިރިއުޅޭ މާހައުލުގައި މިޖަރާސީމު ދައުރުކުރެއެވެ. ޚާއްސަކޮށް ވެއްޔާއި ކުނިވެ ހަލާކުވާ ޒާތުގެ އެއްޗެތީގައިވެސް މިޖަރާސީމު ހުންނަ ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. އެހެންކަމުން މިޖަރާސީމަކީ އިންސާނުންގެ ވަށައިގެން އަބަދުވެސް އުޅޭ އެއްޗެކެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ސީޑީސީން ވިދާޅުވާ ގޮތުގައި މިޖަރާސީމު ހަށިގަނޑަށް ވާސިލުވަނީ ނޭވާލާއިރު އެތެރެވާ ވައިގެ ޒަރިއްޔާއިންނެވެ. އަދި ހަށިގަނޑަށް ލިބޭ ޒަޚަމެއްގެ ސަބަބުން ކެނޑިފައިވާ ނުވަތަ ފިހިފައިވާ ތަނަކުންވެސް މިޖަރާސީމު ހަށިގަނޑަށް ވާސިލުވެދާނެ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ. ނުރައްކާތެރި ބައްޔެއް ނަމަވެސް މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މިބަލީގެ ނުރައްކާ ބޮޑުވަނީ ދާއިމީ ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރަމުންދާ ބޭހެއްގެ ސަބަބުން ފަންގަސް ފަދަ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތްކުރާނެ ބާރު ދިފާޢީ ނިޒާމުގައި ނެތް މީހުންނަށެވެ. މިއުކޯމައިކޯސިސްގެ 5 ވައްތަރެއް މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް ސީޑީސީން ވިދާޅުވެއެވެ.

ރައިނޯސެރެބްރަލް މިއުކޯމައިކޯސިސް – ސައިންސްއާއި ސިކުނޑިއަށް


ސީޑީސީން ވިދާޅުވަނީ މިބާވަތުގެ މިއުކޯމައިކޯސިސްގައި، ފަންގަސް އުފެދި ސިކުނޑިއަށް ވާސިލުވާކަމަށެވެ. މިބާވަތް އެންމެ އާއްމުކޮށް ފެންނަނީ ހަކުރު ބަލި ކޮންޓްރޯލް ނުކުރެވޭ މީހުންނާއި ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވާ މީހުންގެ މެދުގައެވެ.

މިބާވަތުގެ މިއުކޯމައިކޯސިސްގައި އާއްމުގޮތެއްގައި ފެންނަ ޢަލާމަތްތައް ތަފާތުވެއެވެ. އެގޮތުން މޫނުގެ އެއްފަޅި ދުޅަވުމާއި ނޭފަތާއި ސައިނަސް ދުޅަވެ ބްލޮކްވުމާއި ކަޅު ފާރުފަދަ ގޮތަކަށް ނޭފަތުގެ މަތީގައި ނުވަތަ އަނގައިގެ އެތެރޭގައި ހުރުމާއި ބޮލުގައި ރިއްސުމާއި ހުން އައުން ހިމެނެއެވެ.

ޕަލްމޮނަރީ މިއުކޯމައިކޯސިސް - ފުއްޕާމެއަށް


މިބާވަތުގެ މިއުކޯމައިކޯސިސް ބަލި އެންމެ އާއްމުކޮށް ފެންނަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނާއި ގުނަވަންތައް ބަދަލުކޮށްފައި ތިބޭ މީހުންނާއި ސްޓެމް ސެލް ޓްރާންސްޕްލާންޓް ހަދާފައި ތިބޭ މީހުންނަށެވެ. މީގައި އާއްމުކޮށް ފެންނަ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި މޭގައި ރިއްސުމާއި ނޭވާ ކުރުވުން ހިމެނޭ ކަމަށް ސީޑީސީން ވިދާޅުވެއެވެ.

ގެސްޓްރޯއިންޓެސްޓިނަލް މިއުކޯމައިކޯސިސް


ސީޑީސީން ހާމަކުރައްވާ ގޮތުގައި ބޮޑެތި މީހުންނަށްވުރެ މިބާވަތުގެ މިއުކޯމައިކޯސިސް އާއްމުވެފައިވަނީ ތުއްތު ކުދިންގެ މެދުގައެވެ. ޚާއްސަކޮށް ދުވަސްނުފުރާ ވިހާ ކުދިންގެ ތެރޭގައި އެއްމަސްނުވާ ކުދިންގެ ތެރޭގައި އެންޓިބަޔޮޓިކްސް ބޭނުންކުރުމާއި އެކި ބާވަތުގެ ސަރޖަރީތައް ހަދަންޖެހުމާއި ނުވަތަ ބޭހެއްގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށި ކުދިންނަށް މިބާވަތުގެ މިއުކޯމައިކޯސިސް ޖެހޭ ކަމަށް ސީޑީސީން ވިދާޅުވެއެވެ. މީގެ އަލާމަތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ގޮހޮރާއި ހަޖަމުކުރުމުގެ ގުނަވަންތަކުން ލޭއައުން ހިމެނެއެވެ.

ކިއުޓޭނިއަސް މިއުކޯމައިކޯސިސް – ހަންގަނޑަށް


އެމެރިކާގެ ސީޑީސީން ވިދާޅުވާގޮތުގައި މިއީ ދިފާޢީ ނިޒާމު ދެރަ ނޫން މީހުންގެ މެދުގައި އެންމެ އާއްމުކޮށް ފެންނަ މިއުކޯމައިކޯސިސްގެ ބާވަތެވެ. މިއީ ހަންގަނޑަށް ޒަޚަމެއް ނުވަތަ ކެނޑިފައިވަނިކޮށް ޖަރާސީމު ހަށިގަނޑަށް ވަދެގެން މިބަލިޖެހުމެވެ. އެގޮތުން ސަރޖަރީތައް ހަދާފައި ތިބޭ މީހުން އެއްކޮށް ފަސޭހަ ވުމުގެ ކުރިން އަދި ހަންގަނޑު ފިހިގެން ލިބިފައިވާ ޒަޚަމް ފަސޭހަވުމުގެ ކުރިންވެސް މިޖަރާސީމު ހަށިގަނޑަށް ވަނުމުގެ ފުރުސަތު އޮންނަކަމަށް ސީޑީސީން ވިދާޅުވެއެވެ. އެގޮތުން މިބާވަތުގެ ބަލިހުރި ތަނުގައި ފޮޅު ނަގާފައި ހުންނަ ގޮތަށް ހުރުމާއެކު ހަންގަނޑުގެ އެހިސާބު ކަޅުކުލައަށް ބަދަލުކޮށްލައެވެ. އަދި ދުޅަވުމާއި ރަތްވުމާއި އަސަރުކޮށްފައިވާ ސަރަޙައްދުގައި ރިއްސުން ހިމެނެއެވެ.

ޑިސެމިނޭޓެޑް މިއުކޯމައިކޯސިސް


ޑިސެމިނޭޓެޑް މިއުކޯމައިކޯސިސް އަކީ ޖަރާސީމު ލެއާއެކުވެ ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ފެތުރޭ ބާވަތެކެވެ. މިބާވަތުގައިވެސް އެންމެ ބޮޑަށް އިންފެކްޝަންގެ ނުރައްކާ ބޮޑުވަނީ ސިކުނޑިއަށް ކަމަށް ސީޑީސީން ވިދާޅުވެއެވެ. ހަމައެއާއެކު ހަށިގަނޑުގައި ލޭ ފިލްޓަރކޮށްދޭ ގުނަވަނެއްކަމަށްވާ ސްޕްލީންއާއި ހިތަށްވެސް މީގެ ނުރައްކާ ބޮޑުވެއެވެ. ސީޑީސީން ވިދާޅުވީ މިބާވަތުގައި އެހެން ބަލިތައް ހުންނަ މީހުންގެ ކިބައިން މިއުކޯމައިކޯސިސް ފެންނާތީ ކަނޑައެޅިގެން ފެންނަ އަލާމަތްތަކަކީ މިބަލީގެ ސަބަބުން ފެންނަ އަލާމަތްތަކެއްކަން ބުނަން ދަތިކަމަށެވެ. އެހެންނަމަވެސް މީގެ ސަބަބުން ނަފްސާނީ މައްސަލަތަކުގެ އިތުރުން ކޯމާއަށް ދިޔުން ފަދަ ޙާލަތްތައް މެދުވެރިވުން ގާތްކަމަށެވެ.

ބަލީގެ ކުރީކޮޅު ދެނެގަނެވި ފަރުވާ ފެށިއްޖެނަމަ އެންޓިފަންގަލް ބޭހުން ރަނގަޅުވުމުގެ ފުރުސަތުއޮވެއެވެ. އެހެންނަމަވެސް ސީޑީސީން ހާމަކުރައްވާގޮތުގައި އާއްމުގޮތެއްގައި ބަލިޖެހިފައިވާ ހަށިގަނޑުގެ ޓިޝޫތައް ނުވަތަ އެތަނެއް ސަރޖަރީކޮށް ނަގަން ޖެހެއެވެ.

މިއީ އާއްމު ބައްޔެއް ނޫން ކަމަށް ސީޑީސީންވެސް ވިދާޅުވެއެވެ. އެހެންނަމަވެސް މިހާރު ކޯވިޑްގެ ސަބަބުން ނާޒުކު ޙާލަތެއްގައި އޮތް އިންޑިއާއިން މިބަލިދަނީ ފެނި އާއްމުވަމުންނެވެ. މީގެ ހަގީގަތް ކަމާބެހޭ ފަރާތްތަކަށް އަދި ހޯދިފައި ނުވިނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ އިންޑިއާގައި ބަލި އާއްމުވުމުގެ އެއް ސަބަބަކީ އެޤައުމުގައި ޖަނަވާރުގެ ނަޖިސް ބޭނުންކޮށްގެން ކޯވިޑުން ސަލާމަތްވުމަށް ކަމަށްބުނެ ބަޔަކު ހިންގާ ތެރަޕީކަމަށެވެ. އަދި އެޤައުމުގައިވެސް ބަލި ފެންނަމުންދަނީ ކޯވިޑްއަށް ފަރުވާ ކުރުމަށްފަހު ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވައެވެ.

މިއީ ނުރައްކާތެރި ބައްޔެކެވެ. އެހެންނަމަވެސް މިބައްޔަށްވުރެ ބިރުވެރީ ކޯވިޑް-19ކަމަށް ދިވެހި ޑޮކްޓަރުންވެސް ފާހަގަކުރައްވައެވެ. އެހެންކަމުން ކޯވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެހެން ޖަރާސީމުތަކުންވެސް ރައްކާތެރިކަން ލިބިދެއެވެ. އަދި ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް ކަމަށް ޝައްކުކުރެވޭ ކޭސްއެއް ފެނުމާއި ގުޅިގެން މިހާރު ސާމްޕަލްތައް ބޭރަށް ފޮނުވައިގެން ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.