ވިޔަފާރި

ފަތުރުވެރިން ހޭދަކުރާ ދުވަސްތައް އިތުރުވެ، ގްރީން ޓެކްސްއަށް ބޮޑު ކުރިއެރުމެއް


ގްރީން ޓެކްސްގެ ގޮތުގައި މިދިޔަމަހު ދައުލަތަށް 96 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި ނިމުނު އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ 96 މިލިއަން ރުފިޔާއަކީ، މިދިޔަ މަރޗުމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 70 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 36.6 އިންސައްތަ އިތުރު އަދަދެކެވެ. އެހެންކަމުން މަހުން މަހަށް ބަލާއިރު ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ދަނީ އިތުރުވަމުން އަންކަން ތަފާސް ހިސާބުތަކުން ފާހަގަކޮށްލެވެއެވެ.

ކޯވިޑްގެ އަސަރު ފަތުުރުވެރިކަމުގެ ސިނާއަތަށް ކުރުމުގެ ކުރިން 2019 ވަނަ އަހަރުގެ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 84 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ އޭޕްރީލްމަހަށްވުރެ 14.2 އިންސައްތަ އިތުރު ކަންވެސް ފާހަގަކޮށްލެވެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ދުވާލަކަށް 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް 3 ޑޮލަރެވެ. އެހެންކަމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދާއި، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގެ އަދަދާއި ގްރީން ޓެކްސްއާއި ސީދާގޮތުން ވަނީ ގުޅިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދަށްކާގޮތުން ފަތުރުވެރިން ރާއްޖޭގައި މިހާރު އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ. 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިން އޭރު ރާއްޖޭގައި ހޭދަކޮށްފައިވަނީ އެވްރެޖްކޮށް 6 ދުވަހުގެ ޗުއްޓީއެކެވެ.

ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ގްރީން ޓެކްސް ނަގަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.