ޚަބަރު

މިއުކޯމައިކޯސިސް ފަންގަސް ރާއްޖެއިން އަދި ރިކޯޑެއް ނުކުރެވޭ: ސީމެޓް


ދުނިޔޭގެ ބައެއް ޤައުމުތަކުން މިހާރު ފެންނަމުން އަންނަ ނުރައްކާތެރި ފަންގަލް އިންފެކްޝަނެއްކަމަށްވާ މިއުކޯމައިކޯސިސް މިހާތަނަށް ރާއްޖެއިން ފެނިފައިނުވާކަމަށް އެޗްއީއޯސީގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމުން ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.އިބްރާހިމް ޝިހާމް ވިދާޅުވީ ޙާލަތު ގޯސްވެފައިވާ ބައެއް ޤައުމުތަކުން ޢާއްމުވަމުން އަންނަ ނުރައްކާތެރި ފަންގަލް އިންފެކްޝަނެއް ރާއްޖެއިންވެސް ފެނިފައިވާ ކަމަށް ޚަބަރު ފަތުރަމުން އަންނަކަމަށެވެ. އެކަން ދޮގުކުރައްވާ ޑރ.ޝިހާމް ވިދާޅުވީ މިހާތަނަށް މިފަދަ ކޭސްއެއް ކަށަވަރުކުރެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް ކަމަށް ޝައްކުކުރެވޭ ކޭސްއެއް ފެނިފައިވާތީ އެކަން ކަށަވަރުކުރުމަށް ބޭރަށް ސާމްޕަލް ފޮނުވާފައިވާކަމަށެވެ. އަދި މިކަމުގެ މަޢުލޫމާތު ލިބުމާއެކު އެކަން ލަސްނުކޮށް ރައްޔިތުންނާ ހިއްސާކުރައްވާނެކަމަށްވެސް ޑރ.ޝިހާމް ވިދާޅުވިއެވެ.

"މިފަދަ ފަންގަސްއަށް ޓްރީޓްމަންޓްވެސް ހުރޭ. މިއީ ނުރައްކާތެރި އިންފެކްޝަނެއް ނަމަވެސް ފަރުވާއެއް ނެތްކަމަށް ނުބުނެވޭނެ. ފަރުވާ އެބައޮތް އަދި ފަރުވާ އަވަސްކުރުމަކީ މުހިއްމުކަމެއް. އޭގެ މާނައަކީ ބަލި ދެނެގަނެވޭތާ 5 ނުވަތަ 6 ދުވަހުގެ ތެރޭގައި ފަރުވާ ފެށުން. އެކަން ދެނެގަތުމަށް އަންނަނީ މަސައްކަތްކުރަމުން."ޑރ.ޝިހާމް ވިދާޅުވިއެވެ.

މިފަދަ ނުރައްކާތެރި ބައްޔަކާ ގުޅިގެން މިވަގުތު އޮތް ނާޒުކު ޙާލަތުގައި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ޑރ.ޝިހާމްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބައްޔާ ގުޅޭ ސައްޙަ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށާއި މިފަންގަސްއަށް ޝައްކުކުރެވޭ ފަދަ ކަމެއް އާއްމުންނަށްވެސް ޝައްކުކުރެވޭނަމަ އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް ޑރ.ޝިހާމް ވަނީ އެދިވަޑައިގެންފައެވެ.

ކޯވިޑްގެ ކޭސްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ޑރ.ޝިހާމްވަނީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށް އިރުޝާދުދެއްވާފައެވެ. އަދި ބައްޔަށް ޝައްކުކުރެވޭ ފަދަ ޢަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޓެސްޓުކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ސީ.ސީ

.Mi Fungus akee soil ga ulhey echcheh.Gaiga gerigui ungulhaathee thoachche mi Fungus India ge fethurenee.