ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް އޭޑީކޭގައި "ޑޭ ޓްރީޓްމަންޓް ޔުނިޓް"އެއް ނުވަތަ ދުވަހުން ދުވަހަށް ފަރުވާދޭ ޔުނިޓެއް ޤާއިމުކޮށްފިއެވެ. މިޔުނިޓަކީ ކޯވިޑް-19ގެ ބަލިމީހުންގެ ތެރެއިން ޚާއްސަ ޙާލަތަކުގަވާ މީހުންނަށް ދުވަހުން ދުވަހަށް ދޭންޖެހޭ ފަރުވާ ދިނުމަށް ޤާއިމުކުރި ޔުނިޓެކެވެ.
ކޯވިޑް ބަލީގަ ބޮޑުވަރު ނުވިނަމަވެސް ހައިރިސްކް މީހުންނަށް ޑޮކްޓަރަށް ދެއްކުމާއި ލެއާއި ހިތުގެ އީސީޖީ ޓެސްޓްފަދަ ޓެސްޓްތައް މި ޔުނިޓުން ހެދޭނެއެވެ. އަދި މާބަނޑުމީހުންގެ ބައެއް ކަހަލަ ކުދިކުދި ޓެސްޓްތައްވެސް ހެދޭނެއެވެ. ތެލްސީމިއާ ކުދިންނަށް ލޭއަޅައިދިނުމާއި އެކި ޙާލަތްތަކާ ގުޅިގެން ލޭ އަޅަންޖެހޭ ކޮވިޑް ބަލިމީހުންނަށްވެސް މި ޔުނިޓްގެ ޚިދުމަތް ލިބޭނެއެވެ. އޭޑީކޭއިން ވިދާޅުވީ މިޚިދުމަތުގެ ތެރޭގައި ބޭސްއެޅުންފަދަ ޚިދުމަތްތަކާއި އެހެނިހެން ކުދިކުދި އިތުރު ޚިދުމަތްތައްވެސް ލިބޭނެކަމަށެވެ.
ދިގުމުއްދަތަކަށް އެޑްމިޓްކޮށްގެން ދޭންޖެހޭ އެއްވެސް ފަރުވާއެއް މި ޔުނިޓްގައި ކުރިއަށް ނުގެންދާނެއެވެ. މިތަނަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ ޕޭޝަންޓުން ދިއުމުގެ ކުރިން އެކަން ކުރިން އަންގަންޖެހޭނެއެވެ. 3300335އަށް ގުޅައިގެން ޚިދުމަތަށް ނަންނޯޓު ކުރެވޭނެއެވެ.
We have established a Covid19 day treatment unit for those who are positive. Please follow the guidelines in the flyer for service. #StaySafe pic.twitter.com/yDrJjLd7j2
— ADK Hospital (@ADKHospital) May 20, 2021
މި ޔުނިޓް ހުންނާނި އޭޑީކޭގެ އައު އިމާރާތް "ޑރ.ޕަންޑިއަން ވިންގް"ގައެވެ.
ޔުނިޓްގެ ޚިދުމަތް ދޭނީ ހުކުރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00އިން 16:00އަށެވެ.
ކޯވިޑް-19ގެ ޙަލަތާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުންދަނީ ބައްޔަށް ޓެސްޓުކޮށްދިނުމުގެ ޚިދުމަތް ދެމުންނެވެ. ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރާ މިންވަރު އިތުރުކުރުމަށް އޭޑީކޭ ހޮސްޕިޓަލުންދަނީ އިތުރު 60،000 ޕީސީއާރް ޓެސްޓް ކިޓު އިންޑިއާއިން ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ބަލި ފެތުރޭ މިންވަރު އިތުރުވެފަވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭޑީކޭ ހޮސްޕިޓަލްގަ ޑޮކްޓަރަށްދެއްކުމުގެ ގިނަ ޚިދުމަތްތައް މިހާރު ދެމުންއަންނަނީ އޮންލައިންކޮށެވެ.