ޚަބަރު

ހިޔާ ފްލެޓްތަކަށް ޖޫން މަސް ނިމުމުގެ ކުރިން ވަދެވޭނެ - ސުހައިލް


ހިޔާ ފްލެޓްތަކަށް ޖޫން މަސް ނިމުމުގެ ކުރިން ވަދެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. ކޯވިޑްގެ ހާލަތާ ގުޅިގެން ދަތިތައް އުޅޭތީ، ހުރިހާ ލިސްޓްތަކުގެ ގުރުއަތުނެގުން އަދި ނިމިފައެއް ނުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙުމަދު ވިދާޅުވީ ހިޔާ ފްލެޓްތައް ދިނުމުގެ ކުރިން، ސަރުކާރުން ނިންމަންޖެހޭ މަސައްކަތްތައް ޖޫންގެ ނިޔަލަށް ނިންމާ ފްލެޓްތައް ހަވާލުކުރާނެކަމަށެވެ. މައިގަނޑު ބޮޑު މަސައްކަތެއްގެ ގޮތުގައި މިވަގުތު ކުރިއަށްދަނީ ފްލެޓްތަކަށް ކަރަންޓުލުމުގެ މަސައްކަތެވެ.

ހިޔާ ހައުސިންގ މަޝްރޫޢުގައި ހިމެނެނީ ޖުމްލަ 6720 ހައުސިންގ ޔުނިޓެވެ. ހިޔާ ފްލެޓްގައި، ލިބޭ ފްލެޓް ނަންބަރު ކަނޑައެޅުމަށް މިހާތަނަށް ގުރުއަތުލުން ކުރިއަށްގެންދިޔައީ 5603 ޔުނިޓްގެއެވެ. އެއީ އޭރު އެޗްޑީސީއަށް ހައުސިންގ މިނިސްޓްރީން ފޮނުވާފައިވާ ލިސްޓްތަކެވެ. ބާކީ 1117 ޔުނިޓް ލިބުނު މީހުންގެ ތެރެއިން އިތުރު މީހުންގެ ނަންތައް މިހާރު އެޗްޑީސީއަށް ލިބިފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ. ނަމަވެސް ކޯވިޑް-19ގެ ފިޔަވަޅުތަކާ ގުޅިގެން، އޮފީސްތަކުގެ މަސައްކަތަށް އައި ބަދަލާ އެކު ގުރުއަތުނެގުން ކުރިއަށްގެންދިއުމަށް ދަތިވާތީ، އެޗްޑީސީންވަނީ މިލިސްޓްތަކުގެ ގުރުއަތު ނެގުން ފަސްކޮށްފައެވެ. ގުރުއަތުނަގާ ތާރީޚުތައް ކަނޑައެޅުނުހާ އަވަހަށް އެކަން އިޢުލާންކުރާނެ ކަމަށް ސުޙައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ މިހާތަނަށް ގުރުއަތު ނަގާ ނިމުނު މީހުންގެވެސް، އެގްރިމަންޓާ ޕޭމަންޓްގެ މަސައްކަތް އަދި ނުފަށާކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދާ ތާރީޚްތައް ފަހުން އަންގާނެކަމަށެވެ. އެޗްޑީސީން ބުނެފައިވަނީ އެގްރިމަންޓާ، ފްލެޓަށް ފައިސާ ދެއްކުމުގެ އުސޫލުތައް ފައިނަލްވުމުން، ސޮއިކުރުމުގެ ކުރިން އެގްރިމެންޓާ ޕޭމަންޓް ހެދުމުގެ ތަފްސީލްތައް އާއްމުކުރާނެކަމަށެވެ.

ހިޔާ ފްލެޓްތައް ދޭއިރު މުށިޖެހުމާ ދޮރު ހަރުކުރުންފަދަ ބައެއް މަސައްކަތްތައް ހުންނާނީ ނުނިމިއެވެ. މި މަސައްކަތް ކުރިއަށްގެންދަންޖެހޭނީ ފްލެޓްތަކުގެ ވެރިންނެވެ. އެޗްޑީސީން ވިދާޅުވީ ފިނިޝިން މަސައްކަތް ނިންމުމަށް 3މަހުގެ މުޙުލަތެއް ދޭނެކަމަށެވެ. އަދި މި މުއްދަތުގައި ފްލެޓަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެކަމަށެވެ.

ހިޔާ ފްލެޓްތަކަކީ 2ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ފްލެޓްތަކުގެ އަގުގެ ގޮތުގަ ސަރުކާރުން ކަނޑައަޅާފައިވަނީ މަހަކު 7500ރުފިޔާއެވެ. ފްލެޓްތަކަށް މީހުން ބަދަލުވާއިރު، އާއްމު ދަތުރުފަތުރުގެ ނިޒާމާ، ކުދި ވިޔަފާރިތައްވެސް އެ ސަރަޙައްދަށް އަންނާނެއެވެ. ހިޔާ ފްލެޓަށް މީހުން ބަދަލުވާއިރު 30،000އަށްވުރެ ބޮޑު އާބާދީއެއް ބަދަލުވާނެކަމަށް ބެލެވެއެވެ.