ވިޔަފާރި

ދެ އަހަރުގެ ތެރޭގައި މަސްވެރިންނާއި ދަނޑުވެރިންނަށް ފަހި މާކެޓެއް


ރައީސް ޔާމީންގެ ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މަސްވެރިންނާ ދަނޑުވެރިން އުފައްދާ ބާވަތްތައް މާކެޓްކޮށް ރަނގަޅު އަގުތަކެއް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.މިނިސްޓަރ ވިދާޅުވީ، ކޯޕަރޭޓިވް ސޮސައިޓީތައް ކޮޅަށް ޖަހާ، ރާއްޖޭގެ މަސްވެރިންނާ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކާ ނަފާ ހޯދުމުގެ ފުރުސަތު މިސަރުކާރުން ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ފާއިތުވި ދެއަހަރުގެ ތެރޭގައި ރާއްޖޭގައި އުފައްދާ އަދި ތައްޔާރުކުރެވޭ ބާވަތްތައް އިތުރުކޮށް މާކެޓްގައި މި ބާވަތްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މުހިއްމު ފިޔވަޅުތަކެއް އަޅުއްވާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.މިދިޔަ ދެ އަހަރުގެ ތެރޭގައި، ކުރިން ހުރި ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން، އައު ކޯޕަރޭޓިވް ސޮސައިޓީތަކެއް އުފެދި ހަރަކާތްތެރިވާން ފަށާފައިވެއެވެ. އެގޮތުން ރާއްޖޭގައި 7 ރަށެއްގައި ކޯޕަރޭޓިވް ސޮސައިޓީއެއް މިހާރު ހަރަކާތްތެރިވާން ފަށާފައިވެއެވެ. އެއީ،  ޏ.ފުވައްމުލަކު ފުނާޑު ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީއާއި، ގއ.ގެމަނަފުށި ކޯޕަރޭޓިވް ސޮސައިޓީ، ހއ. ހޯރަފުށި، ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީ، އަދި ފ.މަގޫދޫ ކޯޕަރޭޓިވް ސޮސައިޓީގެ އިތުރުން ސ.މީދޫ، އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީއާއި ގދ.ވާދޫ، ވާދޫ ފާރމާސް ކޯޕަރޭޓިވް ސޮސައިޓީ އަދި ޅ. ނައިފަރު،  ނައިފަރު ކޯޕަރޭޓިވް ސޮސައިޓީއެވެ.މި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ވިޔަފާރި ބައްޓަންކޮށްފައިވަނީ، އެރަށެއްގައި ތަރައްގީކުރެވޭނެ އެންމެ އެކަށޭނެ ސިނާޢަތަކަށް އަމާޒުކޮށް، އެފަރާތްތަކުން ހުށަހަޅާފައިވާ ވިޔަފާރީގެ ޕްލޭނެއްގެ ދަށުންނެވެ.މިފަދަ ކޯޕަރޭޓިވް ސޮސައިޓީތަކުގެ މަގްސަދަކީ، ދަނޑުވެރިން އުފައްދާ ބާވަތްތައް ރަނގަޅު އަގެއްގައި ވިއްކޭނެ މަގުފަހިކޮށްދީ، އުފެއްދުންތެރިކަން އިތުރުކުރުމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން އުފައްދާ ތަކެތި (ވެލިއު އެޑަޑް ޕްރޮޑަކްޓްސް) ތައްޔާރުކުރުމުގައި އެހީތެރިވެދިނުމެވެ. އަދި މަހުގެ ބާވަތްތަކުން އުފައްދާ ތަކެތި ފެންވަރު ރަނގަޅު ގޮތަކަށް ބަންދުކޮށް މިތަކެއްޗަށް ރަނގަޅު އަގެއް ހޯދައިދިނުމާއި މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން އިތުރު ކޮށްދިނުމަކީވެސް ކޯޕަރޭޓިވް ސޮސައިޓީތަކުން ކުރާ މަސައްކަތެކެވެ. އެގޮތުން މިހާރުވެސް ގިނަ ކޯޕަރޭޓިވް ސޮސައީޓީތަކުން އަންނަނީ، އެކި އުފެއްދުންތައް ބާޒާރަށް ނެރެ ވިއްކަމުންނެވެ.ކޯޕަރޭޓިވް ސޮސައިޓީ ތަކުން އުފައްދާ ބާވަތްތަކަށް ބަލާއިރު، މިހާރު ރާއްޖޭގައި ނަން ވިދާ ބައެއް އުފެއްދުންތައްވެސް ހިމެނޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި މިހާރު ކޮންޓްރެކްޓް ފާރމިންގ އުސޫލު ގިނަވެފައިވާކަމަށާއި މިއީ އާންމު ރައްޔިތުންނަށް ފައިދާ ކުރާނެކަމެއްކަމުގައެވެ. އަދި މަސްވެރިންނަށާއި ދަނޑުވެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފްކުރެވިފައިވާކަމަކީ އެ ފަރާތްތަކަށް ރައްކާތެރިކަން ޔަގީންކޮށްދެވިފައިވާކަމެއްކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.