ވިޔަފާރި

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޖަޕާނަށް އެތެރެވުން މަނާކޮށްފި


ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޖަޕާނަށް އެތެރެވުން މަނާކޮށްފިއެވެ.

ޖަޕާނަށް އެތެރެވުން މަނާ ޤައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުކޮށްފައިވަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސްރީލަންކާއެވެ.

އެގޮތުން ފާއިތުވި 14 ދުވަސްތެރޭ މިއިން ޤައުމަކަށް ދަތުރުކޮށްފައިވާ ނަމަ، ނުވަތަ މިއިން މަންޒިލަކުން ސީދާ ޖަޕާނަށް ދަތުރުކުރާ ފަރާތްތަކަށް އެޤަައުމަށް އެތެރެއެއް ނުވެވޭނެއެވެ. މީގެތެރޭގައި ޖަޕާނުގައި ދިރިއުޅޭ ފަރާތްތައްވެސް ހިމެނެއެވެ. އެހެން ނަމަވެސް ޖަޕާނުގެ ރަށްވެހިންނަށް އެޤަައުމަށް އެތެރެވެވޭނެ ކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ޖަޕާނަށް އެތެރެވުން މަނާ ލިސްޓުގައި މިހާރުވެސް ދެކުނު އޭޝިއާގެ ޤައުމުތަކުގެތެރެއިން އިންޑިއާ، ނޭޕާލް އަދި ޕާކިސްތާން ހިމެނެއެވެ. ކޯވިޑް 19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން އެޤައުމަށް އެތެރެވުން މަނާ ޤައުމުތަކުގެ ލިސްޓުގައި މިހާރު 159 ޤައުމު ހިމެނެއެވެ. މީގެތެރޭގައި ކެނެޑާ، އެމެރިކާ، ސައުދީ އަރަބިއްޔާ ފަދަ ޤައުމުތައް ހިމެނެއެވެ.

ރާއްޖެެއިން ކޯވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން ދިޔުމާއެކު ޤައުމުތަކުން ދަތުރުކުރުމުގައި ޚާއްސަ ފިޔަވަޅުތައް އަޅާފައިވާ ލިސްޓްތަކަށް ރާއްޖެދަނީ އަރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ 'ރެޑް ލިސްޓަށް' ވެސް ރާއްޖެވަނީ މިހާރު އަރާފައެވެ. މި ލިސްޓަށް ރާއްޖެ އެރުމުން އިނގިރޭސިވިލާތަށް އެތެރެވާ ދިވެހިން 10 ދުވަހަށް ކަރަންޓީނު ވާންޖެހެއެވެ.

އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ 10 ދުވަސްކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާނަމަ ނުވަތަ ޓްރާންސިޓް ކޮށްފައިވާނަމަ، އެޤައުމަށް އެތެރެވުމަށްފަހު އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ މަރުކަޒެއްގައި 10 ދުވަހު ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.