ޚަބަރު

މާލެތެރޭގައި ހުރި ސިނާއީ މަސައްކަތްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން އަލުން ފަށަނީ


އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް އަލުން ފަށާ، އެ ސަރަޙައްދު ސިނާއީ މަސައްކަތްކުރާ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. އިންޑަސްޓްރިއަލް ޒޯން މިހާރު އޮތީ، މާބޮޑު ޕްލޭނެއްނެތި ދޫކޮށްލާފައެވެ.

ސިޓީކައުންސިލްގެ ނިންމުންތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އާ ކައުންސިލުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެއަކީ ތޮއްޖެހުން ބޮޑު ތަނަކަށް ވުމުގަ، މާލޭ ތެރޭގައި ހުރި އެކިއެކި އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަންތަން ބޮޑު ދައުރެއް އަދާކުރާކަމަށެވެ.

މާލެތެރޭގައި ހުރި ވޯކްޝޮޕްތަކާއި، ގަރާޖުތަކާއި، ގުދަންތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ މިފަދަ ތަންތަނުގައި އާއްމު ސިއްޙަތަށް ގެއްލުންވާފަދަ ކެމިކަލްތަކާއި ސްޕްރޭފަދަ ތަކެތި ބޭނުންކުރާކަމަށެވެ. އަދި މަސައްކަތްތައް ކުރުމުގަ މަގުމަތީގެ ސަރަޙައްދުތައްވެސް ބޭނުންކުރަމުންދާތީ، މަގުތަކަށް ބާރުބޮޑުވެ ޓްރެފިކަށްވެސް އޭގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދާކަމަށެވެ.

ސިނާޢީ މަސައްކަތްތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރުމުގެ ކުރިން، މާލެ ތެރޭގައި ހުރި ވޯކްޝޮޕްތަކާއި ގަރާޖްތަކާއި ގުދަންތަކުގެ މަޢުލޫމާތު އެއްކުރުމަށް ސަރވޭއެއް ކުރިއަށް ގެންދިއުމަށްވެސް ކައުންސިލުންވަނީ ނިންމާފައެވެ.

"ކައުންސިލުން ނިންމާފައިވަނީ މިފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން. މިހާރު އެތަންތަނަށް އުޅަނދަކުން އެއްޗެތި ބޭލިއަސް، މަގު އެބަ ބްލޮކްވޭ. މާލެތެރޭގައި ހުރި މިފަދަ ތަންތަނާއި ގުޅޭ ސަރވޭއް ހަދާނަން. އަދި އިންޑަސްޓްރިއަލް ވިލެޖް ތަރައްޤީވާނެގޮތުގެ ޕްލޭނެއް އެކުލަވާލާނަން. އެއަށްފަހު ބަޔަކަށްދީ އެ މަސައްކަތް ފަށާނަން." މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނަކީ ޕްލޭނެއް ނެތި ދޫކޮށްލާފައިވާ ތަނެއްގެ ބަދަލުގައި އެތަނަކީ މުހިންމު، މަސައްކަތްތަކަށް ބޭނުންކުރެވޭ ތަނަކަށް ހަދާނެކަމަށެވެ. އަދި އިންޑަސްޓްރިއަލް ޒޯން ތަރައްޤީވެގެން އަންނައިރު، އަލަށް ފަށާ ވިޔަފާރިތަކަށްވެސް އެތަނުން ޖާގަ ހަމަޖައްސާނެކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ، މާލޭގައި ހުރި ސިނާޢީ މަސައްކަތްތައް އެއް ސަރަޙައްދަކަށް ބަދަލުކުރުމަށް ކުރީ ސަރުކާރުން ހިއްކާ ތަރައްޤީކުރި ސަރަޙައްދެކެވެ. އޭރުވެސް ނިންމީ އެ ޒޯންގެ ބައެއް، ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ޚާއްސަކޮށް، ޒޯންގެ ބޮޑު ބައި އިންޑަސްޓްރިއަލް މަސައްކަތަށް ދިނުމަށެވެ. ކުއްޔަށް ދިނުމަށް ނިންމީ ސަރުކާރުން ޕްރީ-ފެބް އިމާރާތްތަކެއް ހެދުމަށް ފަހުއެވެ. ނަމަވެސް މިހާތަނަށް އައިއިރު އިންޑަސްޓްރިއަލް ވިލެޖު އޮތީ މާބޮޑު ޕްލޭނެއް ނެތި ދޫކޮށްލާފައެވެ.

އެ ސަރަޙައްދުގެ މަދު ޖާގައެއް ކުއްޔަށް ދީފައިވަނީ ފިއުލް ޝެޑް ހެދުމާއި، ގުދަނާއި، ރެޑީމިކްސް ހެދުމަށާއި އެއްގަމު އުޅަނދު ލައިސަންސް ނެގުމުގެ މަސައްކަތަށެވެ.