ޚަބަރު

ކޯވިޑް-19 : އިތުރު 1187މީހުން ޕޮޒިޓިވް، ނުރައްކާ ކުޑައެއްނުވޭ!


އަނެއްކާވެސް ރާއްޖެއިން ކޯވިޑް-19އަށް އިތުރު 1،100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 48،000އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވެފައިވަނީ މާލޭ ސަރަޙައްދުންނެވެ.

އެގޮތުން ރާއްޖެއިން އެންމެފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވި 1،187 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 965 މީހުންނާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 214 މިހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 2 މީހެކެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު މިވަނީ 48،608އަށް އަރާފައެވެ.

ކޯވިޑް-19އަށް އަލަށް ޕޮޒިޓިވްވެފައިވާ މީހުންނާއެކު މިވަގުތު 18،843 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 274 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 558މީހުން ވަނީ މިބަލުން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 29،644 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،771 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 112މީހުންވަނީ ނިޔާވެފައެވެ.