ވިޔަފާރި

ލޯކަލް ޓޫރިޒަމްގެ މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކޮށްފި


ލޯކަލް ޓޫރިޒަމް ރާއްޖޭގައި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް އަލަށް އިންތިހާބްވި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ސީޓީ ކައުންސިލްގެ މޭޔަރުންނާއި ޓޫރިޒަމް މިނިސްޓްރީން ބައްދަލުކޮށްފިއެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށް ކުރިއަށް ރޭވިފައިހުރި މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތައް ފަތުރުވެރިކަމުގެ ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި ތަރައްޤީކޮށް ޕްރޮމޯޓްކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ. އެގޮތުން އަތޮޅުތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ.

މީގެތެރެއިން ކުރިއަށްގެންދާ އެއް މަޝްރޫޢުއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޓީ ހޮޓާތައް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ސިޓީ ހޮޓާތައް ތަރައްޤީކުރުމަށް ވަނީ އިޢުލާންކުރެވިފައެވެ.