ޚަބަރު

އޮނިގަނޑެއް އެކުލަވާލަންދެން ދަފްތަރުގައި ޖެއްސުން މެދުކަނޑާލައިފި


މާލެ ދަފްތަރާ ގުޅޭ ހަރުދަނާ އުސޫލެއް ކަނޑައެޅެންދެން ދަފްތަރުގައި މީހުން ޖެއްސުން މެދުކަނޑާލަން ސިޓީ ކައުންސިލުން ނިންމައިފިއެވެ. އަލަށް މަސައްކަތް ފެށި ކައުންސިލުން ވަނީ އެ ކައުންސިލުން ކުރަން ނިންމާފައިވާ ބައެއް ކަންކަން ފާސްކޮށް އެ މަސައްކަތް ފަށާފައިވާކަން ރޭ ވަނީ އިއުލާންކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ ނިންމި ކަންކަމުގެ ތަފްސީލު ނޫސްވެރިންނާ ޙިއްސާކުރައްވަމުން މާލޭ ސިޓީގެ އައު މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ދަފްތަރުގައި ޖެއްސުމުގެ އުސޫލަށް އިސްލާހު ގެނެސް ހަރުދަނާ ޤަވައިދުތަކެއް އެކުލަވާލުމުގެ މަސައްކަތް ފަށަން ކައުންސިލުން ނިންމާފައިވާކަމަށެވެ.

ދަފްތަރަކީ މާލޭގެ ގެދޮރުވެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާކަމަކަށް ވާއިރު، ގެދޮރުވެރިކުރުމުގެ މައްސަލަ ޙައްލުކުރުމުގެ މަގުޗާޓެއް ސިޓީ ކައުންސިލުން އެކުލަވަލާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. މަގުޗާޓު އެކުލަވަލާ، ހަރުދަނާ އުސޫލަކާއެކު ދަފްތަރުގެ ކަންކަން ކުރިއަށްގެންދިއުމަށް، މާލެ ދަފްތަރުގައި ޖެހުމުގެ ކަންކަން ވަގުތީގޮތުން މެދުކަނޑާލަން ކައުންސިލުން ވަނީ ނިންމާފައެވެ.

" ދަފްތަރުގައި މިހާރުވެސް 17-16ހާސް މީހުން ޖެހިފަ އެބަތިބި. މި މީހުންނަށް ވަރަށް ގިނަ ދަތިތައް އެބަހުރި. އެހެންވީމަ ދަފްތަރުގަ ޖެހުމުގެ މަޤުޞަދު ހާސިލްވޭތޯ އެބަ ބަލަންޖެހޭ. މިކަމުގަ ގެންގުޅޭ އުސޫލު ރަނގަޅު އުސޫލެއްތޯ ކަށަވަރުކުރަންޖެހޭ ". މޭޔަރ ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ގައުމީ ތަރައްޤީއާ ތަރިކައިގެ ކޮމިޓީން ކުރިއަށްގެންދިޔަ ދިރާސާއެއްގައިވެސް މާލޭގެ ދަފްތަރާ ގުޅޭގޮތުން ބޮޑެތި މައްސަލަތައް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ކޮތީޏް ވަނީ ލަފާވެސް ދީފައެވެ.

އެގޮތުން މާލެ އޮތް ޙާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާއި، ދަފްތަރާ ގުޅޭ ޒަމާނީ ޤާނޫނީ އޮނިގަނޑެއް ތައްޔާރުކުރަން ޖެހޭކަމަށް ކޮމެޓީން ވަނީ ބުނެފައެވެ.ޒަމާނާ އެއްގޮތަށް އާ ޤާނޫނީ އޮނިގަނޑެއް ތައްޔާރުކޮށް، އެފަދަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށްގެންދިއުމަށް ކޮމިޓީންވަނީ ކައުންސިލަށް ހުށައަޅާފައެވެ.

މާލޭގެ ދަފްތަރުގައި ޖެހުމަށް ހުޅުވާލީ 1994 އަހަރުއެވެ. މިހާތަނަށް އެންމެ ގިނަ މީހުން ދަފްތަރުގައި ޖެހުނީ 2018ވަނަ އަހަރުއެވެ. ޢެ އަހަރު 1972 މީހުން ދަފްތަރުގައި ޖެހިފައިވެއެވެ. އެއީ މީގެ ކުރިން އެންމެ ގިނަ އަދަދަކަށް މީހުން ދަފްތަރުގައި ޖެހުނު 2008ވަނަ އަހަރަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

މި އެންމެނަކީ އޭރުގެ ސަރުކާރުން ބޯހިޔާވަހިކަން ހޯދާދިނުމަށް ކަމަށް ބުނެ ހުޅުވާލި ފުރުސަތުގެ ތެރެއިން ދަފްތަރުގައި ޖެއްސި މީހުންނެވެ. އަދި ފޯމުތައް ހުށައެޅިތާ 24 ގަޑިރުވެސް ނުވަނީސް އެހާ ގިނަ އަދަދެއްގެ ބަޔަކު ދަފްތަރުގައި ޖެއްސުމުން ގިނަ ބަޔެއްގެ ބޮޑެތި ފާޑުކިޔުންތަކެއް އޭރުގެ ސަރުކާރާއި ހައުސިން މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މީހާރުގެ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒުއެވެ.