ޚަބަރު

އައު ކައުންސިލުން އެންމެ އިސްކަމެއް ދޭނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް: އައްޑޫސިޓީ ކައުންސިލް


އައްޑޫ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު ފެށިގެން އައިއިރު އެންމެ އިސްކަމެއް ދޭން ޖެހިފައި އޮތީ އައްޑޫގެ ކޯވިޑް ހާލަތައް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީގެ އައު ކައުންސިލް ހުވާ ކުރުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލަށް އިންތިޚާބުވި މޭޔަރ އަލީ ނިޒާރު ވިދާޅުވީ، ސިޓީ ކައުންސިލުގެ ފުރަތަމަ މަސައްކަތަކަށް ވެގެން ގޮސްފައިވަނީ އައްޑޫގެ ކޯވިޑް ހާލަތު ރަނގަޅު ކުރުން ކަމަށެވެ.

އެގޮތުން، އައްޑޫގެ ޓާސްކްފޯސް އާއި ބައްދަލުކޮށް، އިމަރޖެންސީ އޮޕަރޭޝަން ސެންޓަރާއި ގުޅުން ހުރި އެހެން ފަރާތްތަކުގެ މަސައްކަތް ބައްލަވާފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި މިވަގުތު ކޭސްތައް ހުރީ ކަންބޮޑުވާން ޖެހޭ މިންވަރަށް ކަމަށެވެ. އަދި މިހާރު ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް މިކަމުގެ މުހިންމުކަށް ވީހާވެސް ބޮޑަށް އަންގައިދޭން ޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އައްޑޫގައި އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 100ވުރެ މައްޗަށް އަރާފައެވެ. މިކަމަށް އިޝާރާތް ކުރައްވާ މޭޔަރ ނިޒާރު ވިދާޅުވީ ބައެއް ފަރާތްތަކުން އަތޮޅުގެ ރަށްރަށް ބަންދުކުރުމަށް ވެސް ލަފާ ދީފައިވާ ކަމަށާއި، ނަމަވެސް އެއީ ހައްލެއް ނޫން ކަމަށެވެ.

އަޑު " އަޅުގަނޑުމެންނަށް ވެސް މިފެންނަނީ ފެތުރިގެން ދިޔާއިމަ ހައްލަކީ ބަންދުވެގެން ތިބުން ކަމަށް. އެހެންނަމަވެސް އެކަން ކުރުމުގެ ދެން ހުރި ގޮންޖެހުންތައް މާގިނަ. ރައްޔިތުން ވަގުތުން ވަގުތަށް ބަންދު ކޮށްލުމަކީ ހައްލެއް ނޫން. ނުކޮށްވޭތޯ އެންމެ ފަހު ވަގުތާއި ހަމައަށް ވެސް ބަލަން ޖެހޭ. އެހެން ނަމަވެސް އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެކަމަށް ތައްޔާރުވެގެން ރައްޔިތުން ތިބެން ވާނީ." ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް މިފަހަރު ބަލި ފެތުރިގެން ގޮސްފައިވަނީ މާލެއިން އަންނަ ބޯޓު ފަހަރުން ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާތީ ބަނދަރަށް އަންނަ ބޯޓު ފަހަރުތަކާއި މެދު އަމަލު ކުރާނެ ރަނގަޅު އުސޫލެއް ކޮންމެ އަވަށެއްގައި ވެސް ކަނޑައަޅަން ޖެހޭ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. ބަލި ފެތުރި ހާލަތު ގޯސްވާނަމަ އައްޑޫގައި މިވަގުތު ހުރި ކޯވިޑް ފެސިލިޓީ އަށްވެސް، ނުކަތާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ކޯވިޑް މަސައްކަތުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ ޓުއަރިޒަމް ޒޯންތަކުގެ މަސައްކަތަށް ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރުވަނީ ހުރިހާ ކައުންސިލަރުންނާވެސް ގުޅިގެން ރައްޔިތުންގެ ބޭނުންތަށް ފުއްދުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން އަވަށު އޮފީސްތަކާއި ބައްދަލުކޮށް ކައުންސިލަރުން މިހާރު ކުރަން ހުރި ކަންކަން ބަލަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ މިބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު އާއި ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއުގެ އިތުރުން، ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.