ޚަބަރު

6 އަހަރަށް ފަހު ބެންޒެމާ އަނެއްކާވެސް ޤައުމީ ޓީމަށް


ރެއާލް މެޑްރިޑްގެ ފޯވާޑު ކަރީމް ބެންޒެމާއަށް 6 އަހަރު ފަހުން ފްރާންސްގެ ޤައުމީ ޓީމުން ޖާގަދީފިއެވެ.

ބެންޒެމާއަށް ޤައުމީ ޓީމުން ޖާގަ ގެއްލި ސްކޮޑުން ބޭރުކޮށްލީ 2015 ވަނަ އަހަރުއެވެ. އެނާ ޓީމުން ބޭރުކޮށް ސަސްޕެންޝަނެއްގައި މިހާތަނަށް ހުރީ އޮރިޔާން ކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑް ފީލްޑަރ މެތިއު ވަލްބުއޭނާއަށް ބިރުދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އޭރު މި މައްސަލަ ފެންމަތިވި ނަމަވެސް މައްސަލަ ބަލާފައެއް ނުވެއެވެ. އެހެންނަމަވެސް އޭގެ ފަސް އަހަރު ފަހުން ފްރާންސް ފުޓްބޯޅަ ފެޑަރޭޝަނުން މި ވަނީ މި މައްސަލަ ބަލަންވެސް ފަށާފައެވެ.

ބެންޒެމާ އާއި ވަލްބުއޭނާ އެންމެ ފަހުން އެކުގައި ޤައުމީ ޓީމުން ފެނުނީ 2104ގެ ވޯލްޑްކަޕްގައެވެ. ބެންޒެމާއަށް ޤައުމީ ޓީމުން ޖާގަ މި ލިބުނީ އޭނާ ޓީމަށް ނަގާނެކަމުގެ އިޝާރާތެއް ޤައުމީ ކޯޗް ޑިޑިއޭ ޑެޝޯމްޕްސް ދީފައިވަނިކޮށެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އެއްވެސް ވާހަކައެއް ކޯޗު ދައްކާފައެއް ނުވެއެވެ.

މިއަހަރުގެ ޔޫރަޕްގެ ސީޒަންގައި ބެންޒެމާ ވަނީ 45 މެޗްކުޅެ 29 ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި އުމުރުން 33 އަހަރުގެ ބެންޒެމާ ދަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ބެންޒެމާ ޤައުމީ ޓީމުން އެންމެ އަވަހަށް ފެންނާނީ މިފަހަރުގެ ޔޫރޯގައެވެ. ޔޫރޯ ފަށަން ތާވަލުކޮށްފައިވަނީ އަންނަމަހުގެ 11 ވަނަދުވަހުއެވެ.

އެންމެފަހުން ރަޝިޔާގައި ބޭއްވި ވޯލްކަޕްގެ ޗެމްޕިއަން ފްރާންސް އަކީ މިފަހަރުގެ ޔޫރީގެ ފޭވަރިޓޫންގެ ލިސްޓުގައި ހިމެނޭ އެއް ޓީމެވެ.