ޚަބަރު

މަގުހެދުމުގެ މަސައްކަތް ދެން ފަށާނީ ވަށަމަގުގެ ތާރު އެޅުމުގެ މަސައްކަތާއެކު - ޑރ.މުޢިއްޒު


މާލެ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ދެން ފަށާނީ، މާލޭގެ ވަށަމަގުގައި ތާރު އެޅުމުގެ މަސައްކަތާއެކުކަމަށް މާލެ ސިޓީގެ އައު މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ އައު ސިޓީކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމެވި މުހިންމު ކަންކަމާގުޅޭ ތަފްސީލް ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފަށާފައިވާ "މާލޭ ސްޓްރީޓް ސްކޭޕިން" މަސައްކަތުގެ ދަށުން، މާލޭގެ މަގުތަށް ތަރައްޤީކުރަނީ މަގުތަކުގެ އަޑީގައިހުރި މައްސަލަތައް ޙައްލުކޮށް ގައު އަތުރައިގެންނެވެ. މިއީ 400އަށްވުރެ ގިނަ މަގެވެ. މި މަޝްރޫޢުގެ މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕްރޮޖެކްޓްގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި ދެން މަސައްކަތް ފަށާނީ ބޮޑެތި ބަދަލުތަކަކާއެކުކަމަށެވެ.

މޭޔަރު ވިދާޅުވި ސިޓީ ކައުންސިލުން ދެން ފުރަތަމަ މަސައްކަތް ފަށާނީ މާލޭގެ ވަށަމަގުގައި ތާރު އެޅުމުގެ މަސައްކަތާއެކު ކަމަށެވެ. ސިނަމާލެ ބްރިޖުގެ މަސައްކަތާއެކު މާލޭގެ ވަށަމަގުގައި ތާރުއެޅުން ކުރިއަށްގެންދިޔައީ، އިންޑަސްޓްރިއަލް ޒޯނުން ފެށިގެން އިރަށް ހުޅުމާލެ ފެރީ ޓަރމިނަލާ ހަމައަށެވެ. އަދި ޢިއްޒުއްދީންމަގުން ބައެއްވެސް ވަނީ ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މޭޔަރ ވިދާޅުވީ ތާރުއަޅައިގެން އެމަގު ތަރައްޤީކުރުމާއެކު، ވެހިކަލް ދުއްވަން ފަސޭހަވުމުގެ އިތުރަށް އެތެރޭގެ މަގުތަކުގެ ޓްރެފިކް ތޮއްޖެހުމަށްވެސް ލުއިތައް ލިބުނުކަމަށެވެ.

ސިޓީކައުންސިލްގެ މިހާރުގެ ވިސްނުމަކީ ވަށަމަގާއެކު ޢާންމުކޮށް ބޭނުންކުރާ، ބާރުބޮޑުވާ ބައެއް ބޮޑެތި މަގުތައްވެސް ތާރު އަޅައިގެން ހެދުންކަމަށް މޭޔަރު ވިދާޅުވިއެވެ.

"މަގުހެދުމުގެ މަސައްކަތް ދެން ބަދަލުވާނީ ފުރަތަމަ ރިންގް ރޯޑް ހަދާގޮތަށް. އެއީ ހަމަ ތާރުއަޅައިގެން. ބްރިޖް ޕްރޮޖެކްޓާއެކު ތާރު އަޅާ ނިންމި، ޓަރމިނަލް ސަރަޙައްދުން މަސައްކަތް ފަށާނީ. މުޅި މާލެ ވަށައިގެން ހިމެނޭ މަގުތަށް ތާރު މަގަށް ބަދަލުކުރާނީ." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއަށްވެސް މިހާރު އެކަން އަންގަވާފައިވާނެކަމަށެވެ. އަދި މިކަމާގުޅިގެން ޕްލޭނިންގ މިނިސްޓްރީގެ ފަންނީ ލަފާ ހޯއްދެވުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މޭޔަރު ވިދާޅުވިއެވެ. މިފަދަ ބަދަލެއް ގެންނަން ނިންމާފައިވަނީ، ކައުންސިލަށް ލިބިފައިވާ ބަޖެޓު، ވީހާވެސް ބޭނުންތެރި ދެމެހެއްޓެނިވި ފައިދާއެއް ލިބޭގޮތަށް ހޭދަކުރުމުގެ ގޮތުންކަމަށް މޭޔަރު ވިދާޅުވިއެވެ.

"ލިބިފަ އޮތް 400 މިލިއަނެއްހައި ރުފިޔާގެ ބަޖެޓު ބޭނުންކުރަންވާނީ ވިސްނުންތެރިކަމާއެކު، މައްސަލަ އެންމެ ބޮޑަށް ޙައްލުވާގޮތަށް. މާލޭގެ ކުރިން ތާރުއެޅި ސަރަޙައްދާއެކު، އެ މަގު ގިނަބަޔަކު ބޭނުންކުރަން ފެށުމުން އެ ސަރަޙައްދުގެ ޓްރެފިކަށް ލުއިތަށް ލިބުނު. މި ހެޔޮބަދަލު ދެންއޮތް ސަރަޙައްދުތަކުންވެސް ފެންނާނެ." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ފުރަތަމަ ކުރިއަށް ގެންދާނީ ތާރުއަޅާ މަގުތަކުގެ މަސައްކަތްތަކަށެވެ. އަދި އެތެރޭގައި ގާ އަތުރައިގެން ހަދާ މަގުތަކުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ. މާލޭގެ "ސްޓްރީޓް ސްކޭޕިން" މަޝްރޫޢުގެ ދަށުން މަގު ހެދުމުގެ މަސައްކަތް އެންމެފުރަތަމަ ފެށީ މާފަންނު ކަނބާ އައިސާ ރަނި ހިނގުމުންނެވެ. އެ މަގުގެ މަސައްކަތް ނިންމައި މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ.