ޚަބަރު

25 ރަށެއްގައި ފެންވަރު ރަގަނޅު އައުޓްޑޯ ވޮލީ ކޯޓް އަޅަނީ


ރާއްޖޭގައި ވޮލީ ބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން 25 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓުއެޅުމަށް ސްޕޯޓްސް މިނިސްޓްރީން އިއުލާންކޮށްފިއެވެ. މި މަސައްކަތަށް 25 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ވޮލީ ކޯޓްތައް އެޅުމަށް ނިންމާފައިވާ 25 ރަށުން އެންމެ ގިނައީ ހދ އަތޮޅާއި ގއ އަތޮޅަށް ނިސްބަތްވާ ރަށްތަކެވެ. ހދ އަތޮޅުން ކޯޓް އެޅުމަށް ނިންމާފައިވަނީ ކުޅުދުށްފުށި ސިޓީއާއި، ފިނޭ، ކުމުންދޫ އަދި ނޭކުރަންދޫގައެވެ. ގއ އަތޮޅުން ވިލިނގިއްޔާއި އެ އަތޮޅު ނިލަދޫއާއި ކޮލާމާފުއްޓާއި ދާންދޫގައި ކޯޓް އެޅުމަށްވަނީ ނިންމާފައެވެ. ދެން އެންމެ ގިނައީ ވ. އަތޮޅަށް ނިސްބަތްވާ ރަށްތަކެވެ. އެއަތޮޅުން ހިމެނޭނީ ކެޔޮދޫ، ފެލިދޫ އަދި ފުލިދޫއެވެ. ދެން ހިމެނޭ ރަށްތަތަކީ ށ އަތޮޅު ފުނަދޫ، މިލަންދޫ ބ. އަތޮޅު ކެންދޫ، ގޮއިދޫ، ފާދިއްޕޮޅު ހިންނަވަރު، މާލެ އަތޮޅު ތުލުސްދޫ، މ. ދިއްގަރު، ފ. މަގޫދޫއާއި އެއަތޮޅު ނިލަންދޫ، ތ. މަޑިފުއްޓާއި، ހިރިލަންދޫ، ހައްދުންމަތިން ފޮނަދޫއެވެ. މީގެއިތުރުން އެންމެ ދެކުނުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައިވެސް އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިނިސްޓްރީން ވަނީ މި ރަށްރަށުގައި ވޮލީ ކޯޓް އަޅާައިދޭން ބޭނުންވާ ފަރާތަކަށް އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައެވެ. އަދި މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށައެޅުމަށްވެސް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ވިދާޅުވީ މި މަސައްކަތް ކޮށްދޭން އެދޭ އެއްވެސް ފަރާތަކަށް އެއް ބިޑަށް ވުރެ ގިނައިން ހުށަނޭޅޭނެކަމަށެވެ.

އަތޮޅު ތެރޭގައި ވޯލީ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ދަށުން ރ ކިނޮޅަހާއި އދ. ދިއްދޫގައި ވަނީ އައުޓްޑޯ ވޮލީކޯޓް އަޅާފައެވެ.

މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވީ އަތޮޅުތެރޭ ވޮލީ ކޯޓްތައް އެޅުމަށް ނިންމި ނިންމުމަކީ މޮޅެތި ކުޅުންތެރިން އުފެއްދުމަށް ކުރާ މަސައްކަތަށް ލިބޭ ރަނގަޅު ފުރުސަތަކަށެވެ. މިގޮތުން ރަނގަޅު ފެންވަރުގެ ކޯޓެއް އޮތުމުން އައު ކުޅުންތެރިން އުފެއްދުމަށް އެ އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަނަށް ރަނޭޝް ފާހަގަކުރެއްވިއެވެ.

މިނިސްޓްރީން އަލަށް ކޯޓް އަޅަން ނިންމި ރަށްތައް ކަނޑައެޅުމުގައި އެސޯސިއޭޝަނުގެ ލަފާވެސް ބޭނުންކޮށްފައިވާކަންވެސް ރަނޭޝް ވިދާޅުވިއެވެ. ވޮލީ ބޯލް އެސޯސިއޭޝަނުން އަންނަނީ ރާއްޖެ 3 ޒޯނަކަށް ބަހާލައިގެން ވޮލީ ކުރިއެރުވުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ޒޯންތައް ބަހާލުމުގައި ބޮޑަށް އިސްކަންދީފައިވަނީ 12 އަހަރާއި 15 އަހަރުގެ ދެމެދުގެ ކުދިން ކިޔަވަމުންދާ ރަށްތަކާއި ވޮލީ މުބާރާތްތައް ބާއްވާ ރަށްތަކުގެ ތެރެއިން ރަނގަޅު ކޯޓެއް ނެތް ރަށްތަކަށް ބަލައިގެންކަމަށް ރަނޭޝް ވިދާޅުވިއެވެ.

ސްޕޯޓް މިނިސްޓްރީން އަލަށް ވޮލީ ކޯޓް އެޅުމަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރެއިން ހއ އަތޮޅަކީ އަތޮޅު ފެންވަރުގެ ވޮލީ މުބާރާތްތައް ބާއްވަމުން އަންނަ އަތޮޅެކެވެ. އަދި ދެން ހުރި ރަށްތަކަކީވެސް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން މި ކުޅިވަރަށް ނުކުންނަމުން އަންނަ އަތޮޅުތެކެވެ.