ކުޅިވަރު

އޭއެފްސީއިން ރާއްޖެއަށް ފިޔަވަޅު އަޅާނެ - ބައްސާމް


ރާއްޖޭގައި ކުޅުމަށް ނިންމާފައިވާ އޭއެފްސީ ކަޕްގެ ޕްލޭ އޯފް މެޗާއި އޭއެފްސީގެ ކަޕްގެ ގުރޫޕް ސެޓޭޖްގެ މެޗްތައް ކުއްލި ގޮތަކަށް ފަސް ކުރަން ނިންމުމުން ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑުކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

މިމަހުގެ 11ވަނަ ދުވަހު ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކުރުމަށް ހަމަޖެހިފައިވާ މެޗަށް ރާއްޖެ އައިސް އިންޑިޔާގެ ޓީމުވަނީ ހެންވޭރު ދަނޑުގައި ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފައެވެ. ރާއްޖެއަށް އިންޑިޔާގެ ބެންގަލޫރު އެފްސީ ޓީމުގެ ކުޅުންތެރިން އައިސްފައިވަނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. މިހުއްދައިގެ ދަށުން އެޓީމްގެ ކުޅުންތެރިންނާއި އޮފފިޝަލުންނަށް ދެވޭނީ ހޮޓަލުން ދަނޑަށް އެކަންޏެވެ. ބޭރަށް ދިއުމަކީ މަނާކަމެކެވެ. މިކަން ހޫނުވެގެންދިޔައީ އިންޑިޔާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން ހޮޓަލުން ބޭރަށް ނިކުމެ، އުޅެނިކޮށް އެފޮޓޯތަށް ޝޯޝަލް މީޑިޔާގައި ދައުރުވުމާއި ގުޅިގެން، ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވަނީ ބެންގަލޫރު ޓީމް އަބުރާ ގައުމްއަށް ދާން ގޮވާލި ހިސާބުންނެވެ. ސަރުކާރުން މެޗްތައް ރާއްޖޭގައި ނުބޭއްވޭނެކަމަށް އެންގުމުން، އެފްއޭއެމްއިން ވަނީ އޭއެފްސީގައި މެޗްތައް ފަސްކޮށްދިނުމަށް އެދިފައެވެ. އަދި އޭއެފްސީއިންވެސްވަނީ ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވާ ހުރިހާ މެޗެއް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވިދާޅުވީ ކޮލިފައިންގެ އިތުރުން ގުރޫޕް ސްޓޭޖްގެ މެޗްތައް ފަސްކުރިއިރު، ބައެއް ޓީމްތަކުން ރާއްޖެ އަންނަ ޓިކެޓްވެސް ނަގާ ފުރަން ތައްޔާރުވެފައިވާއިރު، އޭއެފްސީގެ ރެފްރީންނާއި އޮފިޝަލުންތައް ތިބީ އެއާރފޯޓުގެ ޓްރާސިޓްގައެވެ.

ބައްސާމް ވިދާޅުވީ މިކަމާގުޅިގެން ރާއްޖޭގެ ކުލަބްތަކުގެ އިތުރުން ބޭރު ގައުމްތަކުގެ ކުލަބްތަކަށްވެސް ލިބިގެންދިޔައީ ވަރަށް ބޮޑު ގެއްލުމެއްކަމަށާއި މިކަމާއި ގުޅިގެން އޭއެފްސީއިން ވަރަށް ބޮޑަށް ނުރުހުންވެސް ފާޅުކޮށްފައިވާކަމަށެވެ. ގަބޫލް ކުރަނީ ޑިސިޕްލިނަރީ ފިޔަވަޅެއް އަޅާނެކަމަށާއި މިހާރު މަޑުކޮށްގެން މިދިބީ އޭއެފްސީއިން މިގުރޫފްގެ މެޗްތަކަށް ހަދާނެ ގޮތަކާމެދު ބަލަންކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މާޒީގައި ކަންތައްތައް ހިނގާފައި ހުރި ގޮތަކަށް ބަލާއިރު އޭއެފްސީއިން ރާއްޖެ ޖޫރިމަނާ ކުރުމުގެ ފުރުސަތުގެ އިތުރުން އޭއެފްސީ ކަޕްގެ މެޗްތައް ރާއްޖޭގައި ހޯސްޓް ކުރުމުގެ ފުރުސަތު ވަކި މުއްދަތެއް ވަންދެން ނުދޭންވެސް ނިންމަފާނެއެވެ. ދެ ގޮތަކީވެސް ރާއްޖެއަށް ގެއްލުން ހުރި ގޮތެކެވެ. މާލީ ހާލަތު މިހާ ދަށްވެފައި އޮތް ދަނޑިވަޅެއްގައި ޖޫރިމާނާ ކޮށްފިނަމަ، އޭގެ އަސަރު އެފްއޭއެމަށް ކުރާއިރު، އޭއެފްސީގެ މެޗްތައް ރާއްޖޭގައި ހޯސްޓް ކުރުމުގެ ފުރުސަތު ގެއްލިޖެކަމަށްވާނަމަ، މިއީ ރާއްޖޭގެ ކުލަބްތަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވެސް ވާނެކަމެއްކަމަށް ބައްސާމް ވިދާޅުވިއެވެ. ނަމަވެސް މުޅި ދުނިޔޭގައި ކޯވިޑް-19ގެ ހާލަތައް ބަލާއި ލުއިތަކެއްވެސް ލިބުން އެކަށީގެންވާކަމަށާއި ނަމަވެސް ގޮތް ނިންމާނީ އޭއެފްސީގެ ޑިސިޕްލިނަރީ ކޮމެޓީއިންކަމަށް ބައްސާމް ވިދާޅުވިއެވެ.