ޚަބަރު

ހޯރަފުށީ އެއަރޕޯޓު ސަރަޙައްދުގައި ތޮށިލުމުގެ މަސައްކަތް ފަށަން މިދަނީ ތައްޔާރުވަމުން - އަސްލަމް


ހއ.ހޯރަފުށީ އެއަރޕޯޓް ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތަކީ ޕްލޭނިންގ މަރުޙަލާގައި މާކުރިންވެސް ފަށައިގެން ކުރިއަށްދާ މަސައްކަތެއްކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެމްޓީސީސީއާއެކު މިކަމާގުޅޭ މަޝްވަރާތަކާއި ކަމާގުޅިގެން ކުރިއަށް ގެންދަންޖެހޭ އިދާރީ މަސައްކަތްތައްވެސް ފަށައިގެން ކުރިއަށްދާކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް މޫސުން ގޯސްވެ އުދަ އަރައިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު ރަށަކީ ހއ.ހޯރަފުއްޓެވެ. ހޯރަފުށީގެ އެއަރޕޯޓާއި އެއަރޕޯޓަށް ދަތުރުކުރާ ކޯޒްވޭއަށްވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. މި އެއަރޕޯޓާކީ ރާއްޖޭގައި އެންމެ ފަހުން އޮޕަރޭޝަނަށް ގެނައި އެއަރޕޯޓެވެ. ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެއަރޕޯޓްގެ އިންފްރާސްޓްރަކްޗަރަލް މަސައްކަތްތައް ދިޔަ ގޮތާ ގުޅޭގޮތުން ގިނަ ބަޔަކުދަނީ ސުވާލު އުފައްދަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ބިން ހިއްކައި އެއަރޕޯޓްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އީއައިއޭ ރިޕޯޓާ އެއްގޮތަށްކަމަށެވެ. އަދި އެއަރޕޯޓް ސަރަޙައްދުގައި ބޮޑުހިލައިން ހިމާޔަތް ނުކޮށްވާ ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ މަސައްކަތަކީ، މާކުރިންވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަސައްކަތެއްކަމަށެވެ. މިކަމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ނިންމަންޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް އެމްޓީސީއާއެކު ކުރަމުންދާނެކަމަށެވެ.

މަސައްކަތުގެ އެއްބަސްވުމުގައި އަދި ސޮއި ނުކުރެވިވަނީ، ޕްރޮޖެކްޓްގެ ޑިޒައިނަށްވެސް ބައެއް ބަދަލުތަށް އަންނާތީކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށާ، ނިމުނުހާ އަވަހަށް މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ.

"މަސައްކަތް ބާރަށް ކުރިއަށްދޭ އެބަ އެމްޓީސީސީއާއެކު. ޑިޒައިނަށް ބޮޑެތި ބަދަލުތައް އެބަ އާދޭ. 2 ހަފްތާ ވެއްޖެ، މިކަމުގެ މަސައްކަތްތައް ފަށައި ކުރިއަށްދާތާ. ކޯޒްވޭވެސް ހިމެނޭހެން ޙިމާޔަތްކުރުމުގެ މަސައްކަތް ދާނީ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މޫސުމީގޮތުން ދިމާވާ މިފަދަ ގުދުރަތީ ކަންކަމަކީ ކުރިއާލައި ލަފާކުރަން އެނގޭ ކަންކަން ނޫންކަމަށެވެ. އަދި މިއީ މިހާ ބާރުގަދަ ކޮޅިގަނޑަކާ، ފަހުގެ ތާރީޚެއްގައި ރާއްޖެއިން ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރުކަން މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އުދަ އަރައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެއަރޕޯޓާއި ރަށާ ގުޅުވާލަދޭ ހައިވޭއަށެވެ. ފަޅުން ހިއްކައިގެން ތާރުއަޅައިގެން ހަދާފައިވާ މަގުގެ ދެ އަރިމަތީގެ ފަސްގަނޑުވަނީ ވަރަށްބޮޑަށް ދަމައިގެންފައެވެ. މިއާ ގުޅިގެން މަގު ބައްތިތައްވެސް ވަނީ ހަލާކުވެފައެވެ. އަދި ރާޅު އެރުމުގެ ސަބަބުން އެއަރޕޯޓް ރަންވޭގަވެސް ފެންބޮޑުވެ، ޓަރމިނަލަށްވެސް އެކިވަރުގެ ގެއްލުންތައްވަނީ ވެފައެވެ. މިނިސްޓަރ ވިދާޅުވީ ސަރަޙައްދު ޙިމާޔަތްކުރާއިރު ކޯޒްވޭ ހިމެނޭ ސަރަޙައްދުވެސް ޙިމާޔަތްކުރާނެކަމަށެވެ.

ހޯރަފުށީ އެއަރޕޯޓަށް ލިބުނު ގެއްލުންތަކަށް އަޅަންޖެހޭ ފިޔަވަޅުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރަމުންދާއިރު، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިންވެސްދަނީ މި މައްސަލަ ބަލަމުންނެވެ. އީޕީއޭއިން ބުނީ، ޕްރޮޖެކްޓްގެ މަސައްކަތް ގެންގޮސްފައިވަނީ ހުއްދަ ދީފައިވާ އީއައޭ ރިޕޯޓާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ނަމަވެސް އަދިވެސް މޫސުން ގޯސްކޮށް އުޅޭތީ މިކަމުގައި ދަތިތަކެއް ހުރިކަމަށެވެ. ނަމަވެސް އީޕީއޭއާ ޕްލޭނިންގ މިނިސްޓްރީއާ އަދި ރަށުގެ ކައުންސިލް ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށެވެ.

ޙާލަތު

ޤުދުރަތީގޮތުން ކުރިމަތިވާ ކަންކަމަށް ފާޑުކިޔާމީހުން ގިނަވުމީ ހިތާމަހުރިކަމެއް. ކޮންމެ ކަމެއް ސިޔާސީކުރުން ބައެއް ދިވިހިންގެ ވިސްނުމުގަ މިހުންނަނީ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތައް އެދަނީ ތޫފާނާ ނަގޫރީޅި ފަދަ އެއްޗެހިން ހަލާކުކުރަމުން. ކޮންމެކަމެއް ސިޔާސީ ނުކުރަމާ!