ވިޔަފާރި

ދައުލަތަށް ލިބުނު އާމްދަނީ %15 އިތުރުވެއްޖެ


މި އަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް
ދައުލަތައް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އާއި
އަޅާ ބަލާ އިރު 15 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް
ރެވެނިއު އޮތޯރިޓީ، މީރާ އިން ހާމަކޮށްފިއެވެ.



މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބްތައް
ދައްކާގޮތުން މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ދައުލަތަށް 11.2 ބިލިއަން
ރުފިޔާ ވަނީ ލިބިފައި، މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ލިބުނު 9.7
ބިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ.



މީރާ އިން ބުނީ މިދިޔަ މަހުގެ އާމްދަނީ
އިތުރުވި އެއް ސަބަބަކީ ޖީއެސްޓީ އާއި ބީޕީޓީ އިން ލިބުނު އާމްދަނީ އިތުރުވުންނެވެ.



ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހު މީރާއިން ވަނީ 717.7
މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައެވެ.  މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.1 އިންސައްތަ
އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް
ވުރެ 19.5 އިންސައްތަ އިތުރު އަދަދެކެވެ.
މީރާ އިން ބުނީ މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 462
މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ރިސޯޓް ކުއްޔަށް ދޭ މުއްދަތު
އިތުރުކޮށްގެން 65 މިލިއަން ރުފިޔާ ލިބިފައިވާ އިރު ބީޕީޓީގެ ގޮތުގައި 40 މިލިއަން
ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖުން 38.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް
މީރާގެ ތަފާސް ހިސާބްތަކުން ދައްކައެވެ.