ޚަބަރު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ފަސްކޮށްފި


މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ފަސްކުރުމަށް ވަނީ ނިންމާފިއެވެ.

އެމްޑިޕީން ބުނީ ދާއިރާތަކުގެ އިންތިޚާބު ފަސްކުރަން ނިންމީ އެ ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާތީ މިއީ އެންމެ ރަނގަޅު ދަނޑިވަޅަކަށް ނުވާތީކަމަށެވެ.

އެގޮތުން މިފަދަ ވަގުތެއްގައި ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގޮސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު ކަމުގައިވާ 29މެއިގައި އެ އިންތިޚާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނަކަމަށްވެސް އެމްޑީޕީން ބުނެނެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިޢުލާނު ކުރާނެކަމަށް އެޕާޓީން މައުލޫމާތުދެއެވެ.

އިންތިޚާބު ފަސްކުރިނަމަވެސް، އިންތިޚާބާ ގުޅޭގޮތުން ޕާޓީން މިވަގުތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެކަމަށް އެމްޑީޕީގެ އޮފީހުން ބުންޏެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. ސިޓީތަކާއި ދާއިރާތަކުގެ ޖުމްލަ 455 މަޤާމަކަށް މިހުން އިންތިޚާބުކުރަން ވަނީ ނިންމާފައެވެ.