ޚަބަރު

48 ގަޑިއިރުތެެރޭ 7 މަރު، މިމަހު މިހާތަނަށް 21 މަރު


ކޯވިޑް ބަލީގައި އަނެއްކާވެސް ދިވެއްސަކު ނިޔާވެ މި ބަލީގައި ނިޔާވި މީހުންގެ އަދަދު 94 އަރައިފިއެވެ. މީ މިބަލީގައި މިިދިޔަ 48 ގަޑިއިރުގެތެރޭގައި ނިޔާވި 7 ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި މިއަދު ފުރަތަމަ ނިޔާވީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މި މީހާ ނިޔާވެފައިމިވަނީ ރޭ ދަންވަރު 01:39 އެހާކަންހާއިރުއެވެ. އޭގެ 8 ގަޑިއިރު ފަހުން އަނެއްކާވެސް މި ވަނީ މިބަލީގައި އިތުރު ދިވެއްސަކު މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. މި މީހަކީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހަކީ ހާލު ބޮޑުވެގެން މިއަދު ހެނދުނު ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް ބަލީގައި މި މަހުގެ ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ރާއްޖެއިން މިވަނީ 21 މީހަކު ނިޔާވެފައެވެ. އިއްޔެ އެކަނިވެސް މި ބަލީގައި 5 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް ބަލި ހަލުވިކޮށް ފެތެރެން ފަށައި ދުވާލެއްގެ މައްޗަށް މި ބަލިޖެހޭ މީހުންގެ އަދަދު މިހާރު މިވަނީ 1000 ހުރަސްކޮށްފައެވެ. އިއްޔެގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރުގެތެރޭގައިވެސް 1467 މީހަކަށް ރާއްޖެއިން މި ބަލި ޖެހިފައިވެއެވެ. އޭގެތެރޭގައި ހިމެނީ މާލޭ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވި 1267 މީހަކާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 182 މީހެކެވެ. މީގެއިތުރުން ރިސޯޓްތަކުންވެސް 18 މީހަކު އިއްޔެ މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

މި ބަލީގެ ޕޮޒިޓިވްވާ ރޭޓް މައްޗަށް ޖެހެމުން އައިސް އެޗްޕީއޭސް ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ 5 މީހަކު އެކަކު އަންނަނީ މި ބައްޔަށް ޕޮޒިޓިވްވަމުންނެވެ. މިބަލީގައި މިވަގުތުވެސް 290 މީހަކު އެޑްމިޓްކޮށްގެ ފަރުވާދެމުން އަންނައިރު 11 މީހަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. އަދި 7 މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

މި ބަލި ޖެހޭ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އައިސް ފަރުވާދޭން ހުރި އެނދުތައް ފުރި އިތުރު ފެސިލިޓީސްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި ނަރުހުންނާއި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނަށް ބާރު ބޮޑުވެ އެމީހުންނަށް ނުކުތާ ވަރަށް ހިދުމަތްދޭން ޖެހިދާނެތީ ކަންބޮޑުވުންތައްވެސް ވަނީ އިތުރުވެފައެވެ. އަދި މިކަމުގައި އެހީވާނެ ވޮލަންޓިއަރުން ހޯދުމަށްވެސް ވަނީ އިއުލާންކޮށްފައެވެ.

ބަލިން ރައްކާތެރިވުމަށް ސަރުކާރުންވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން މާލެ ސަރަހައްދުގައި ހަވީރު 04:00 އިން ފަތިހު 04:00 ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ބައެއް ރަށްރަށުގައިވެސް ކާފިއު ހިންގާ ބައެއް ރަށްތައް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.