ޚަބަރު

ލަންކާއަށް ދަތުރުކުރާ ދިވެހިން 14ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ


ސްރީލަންކާގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ އެ ޤައުމަށް މިހާރު ދަރުކުރާ ދިވެހިން، 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަންޖެހޭނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެގޮތުން ލަންކާގެ ސަރުކާރުންވަނީ ފިޔަވަޅުތަށް ވަރުގަދަކޮށްފައެވެ.

އާ ވޭރިއަންޓްތަކާ އަދި ބަލި ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް އެ ޤައުމުން އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅަކީ ކަރަންޓީނުވާ އުސޫލަށް ގެނައި ބަދަލުތަކެވެ. މިހާރު ނިންމާފައިވާ ނިންމުމުގެ ދަށުން މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމަށް ދަތުކުރާ ހުރިހާ އެންމެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ.

ކަރަންޓީނުވާން ޖެހޭނީ ލަންކާގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ހޮޓަލެއް ނުވަތަ ސެންޓަރެއް ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1ގެ ހޮޓަލެއްގައެވެ. އެ ޤައުމަށް ދަތުރުކުރާ 12 އަހަރުން މަތީގެ ހުރިހާ ކުދިންނާ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކުރެވޭނީ، އެ ޤައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް ޕީސީއާރް" ޓެސްޓާއި، ކަރަންޓީނުގެ 11ވަނަ ދުވަހާއި 14ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް ޕީސީއާރް" ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންކަމަށް ވަނީ އަންގަވާފައެވެ. އެރައިވަލް އަދި އެގްޒިޓް ޕީސީއާރް ހަދަން ނުޖެހޭނީ ދެއަހަރުން ދަށުގެ ކުދިންނަށް އެކަންޏެވެ.

ކަރަންޓީނު ކުރުމުގެ އުޞޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނުވާން އެދޭ މީހުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްޞަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުޞަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައިވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ޤައުމުން އަންގާކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއެވެ.
އެހެންކަމުން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުކަންދެއްވުމަށް މިނިސްޓްރިއިންވަނީ އަންގަވާފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްވެސް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. ލަންކާއަކީ އެކި ބޭނުންތަކުގައި ގިނަ ޢަދަދަކަށް ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ.

ލަންކާއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 13،0000އަށްވަނީ އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު 800އިން މައްޗެވެ.