ކުޅިވަރު

ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ލިވަޕޫލުން ކުރަމުންދާ އުންމީދު އާކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ލިވަޕޫލުން ކުރަމުންދާ އުންމީދު އާކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާދިނީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއެވެ. ނަމަވެސް ލިވަޕޫލުން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 34 ވަނަ މިނެޓްގައި ޑިއޭގޯ ޖޮޓާ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. އަދި މިމެޗްގައި ލިވަޕޫލަށް ލީޑު ނަގާދިނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ރޮބާޓޯ ފިރިމީނޯ ޖަހާދިން ލަނޑުންނެވެ. އަދި ލިވަޕޫލުން ވަނީ ދެވަނަ ހާފް ފެށިތާ ދެވަނަ މިނެޓްގައި އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ޖަހާދިނިން ފިރިމީނޯއެވެ. މިމެޗްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗްގެ 68 ވަނަ ނިނެޓްގައި ޖަހާދިނީ މާކަސް ރަޝްފަޑްއެވެ. އަދި ލިވަޕޫލުން މިމެޗްގައި ޖެހި ފަހު ލަނޑު މެޗްގެ ފަހު މިނެޓްގައި ޖަހާދިނީ މުހަންމަދު ސަލާއެވެ. މިއީ އޭނާ މިސީޒަންގައި ލީގުގައި ކާމިޔާބުކުރި 21 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު އޭނާ ވަނީ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އުޅޭ ހެރީ ކޭން އާއި އަރާ ހަމަކޮށްފައެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިހާރުވަނީ ކުޅުނު 35 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހލާފައެވެ. އަދި ހަތަރު ވަނައިގާ އުޅޭ ޗެލްސީ އާއި 4 ޕޮއިންޓަށް ގާތް ކޮށްފައެވެ. އަދި ލިވަޕޫލުން އެއްމެޗް މަދުން ކުޅެފައިވުމުން އެމެޗް އެޓީމް ކާމިޔާބުކޮށްފިނަމަ ޗެލްސީ އާއި ދެމެދުގައި ވާ ފަރަގު އެންމެ ޕޮއިންޓަކަށް ކުޑަވެގެންދާނެއެވެ. މިމެޗުން ބަލިވި ނަމަވެސް މެންޗެސްޓަރއަށް ޕޮއިންޓް ތާވަލްގައި ލިބިފައިވާ މަގާމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ޔުނައިޓެޑް އޮތީ 36 މެޗުން ލިބިފައިވާ 70 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.