ދީން

ހަ ރޯދަ ހިފުމަށް ޝައުޤު އުފެދިގެން ދިއުމަކީ، ރޯދަމަހުގެ ރޯދަތައް މާތްﷲ ޤަބޫލުކޮށްދެއްވެވި ފާހަގައެއް

ޝައްވާލު މަހަކީ، ޤަދީމީ ޒަމާނުން ސުރެ، އެ މަހެއްގެ މައްޗަށް ވަގުތުތަކާއި ދުވަސްތައް ޢަރަބީންގެ ކަލަންޑަރުގައި ބިނާކޮށްފައި އޮންނަ މަހެކެވެ. ހިޖްރީ މަހެއްގެ ގޮތުގައި މުސްލިމުންގެ ހިޖްރީ ކަލަންޑަރުގައިވެސް، ހިމެނިފައިވާ މަހެކެވެ. ހިޖްރީ މަސްތައް ދައުރުވަމުން އަންނަނީ، ހަނދުގެ ދައުރުވުން އޭގެ ތަފާތު މަރުޙަލާތައް ގިރާކުރަމުން ދިއުމާއެކުގައެވެ. މާތްﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿هُوَ ٱلَّذِي جَعَلَ ٱلشَّمۡسَ ضِيَآءٗ وَٱلۡقَمَرَ نُورٗا وَقَدَّرَهُۥ مَنَازِلَ لِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلۡحَقِّۚ يُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ﴾ (يونس:5) އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް منـزلތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ عددއާއި (މައްސަރުތަކާއި ދުވަސްތަކުގެ) حسابދެނެގަތުމަށްޓަކައެވެ. حقގޮތުން މެނުވީ، اللَّه، އެތަކެތި ނަހައްދަވައެވެ. އެނގޭ ބަޔަކަށް އެކަލާނގެ آيةތައް تفصيلކޮށްދެއްވަތެވެ.

ހިޖްރީ ކަލަންޑަރުގެ މަސްތަކަށް ނަންތައް ދެވިގެންވަނީ، އެ މަހެއްގެ ނަމާ ގުޅިގެން ހިގާ ކަމަކާ ނިސްބަތްކޮށްގެނެވެ. ހިޖްރީ ކަލަންޑަރަކީ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ދެވަނަ ޚަލީފާ، ޢުމަރު ބިން އަލްޚައްޠާބުގެ ޚިލާފަތުގައި އިންތިޒާމުވެގެންދިޔަ ކަލަންޑަރެކެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި، ހިޖްރީ ކަލަންޑަރު ތަރުތީބުވެގެންދިޔަ ހިސާބުން، އަހަރުތަކާއި މަސްތަކާއި ދުވަސްތައް، އެ ކަލަންޑަރާ އެއްގޮތްވާގޮތުގެ މަތީން، ދުވަސްތަކާއި މަސްތަކާއި އަހަރުތައް މުސްލިމުން ގުނަމުން ހިސާބުކުރަމުން ދިޔައެވެ. އިސްލާމު ދީނާއިގެން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلمވަޑައިގަތުމުގެ ކުރިންވެސް ޖާހިލިއްޔަ ޒަމާނުގައި، ތަރުތީބެއް ނެތި މަސްތައް ބޭނުންކުރެވެމުން ދިއައެވެ.

ޝައްވާލު މަހަށް، މި ނަންކިޔުނީ، ޖަމަލުގެ ކިރު ދިނުން މަދުވެ، ދަރިމައިވުމަށް ތައްޔާރުވާ މޫސުމެއްކަމުގައި ވާތީއޭ ބުނެވެއެވެ. އަދި ޢާންމުގޮތެއްގައި ޢަރަބިކަރައިގައި އުޅޭ މީހުންނަށް ޝައްވާލުމަހާ ދިމާވާ މޫސުމަކީ، ހަނަފަސްކަންގަދަ ދުވަސްވަރެއްކަމުގައިވާތީ، ޝައްވާލުގެ ނަމުން ނަންދެވިގެންވަނީކަމުގައިވެސް ބުނެވެއެވެ. އަދި ޝައްވާލު މަހަކީ، ޖާހިލިއްޔަ ޒަމާނުގެ ޢަރަބީންގެ ތެރޭގައި، ބަދު ނަޞީބާ ކުރިމަތިވާ މަހެއްކަމުގައި ބެލެވިފައި އޮތުމުގެ ސަބަބުން އެ މަހުގައި ކައިވެނިކުރުންފަދަކަމެއް ކުރުމަކީ ކޮންމެވެސް މުޞީބާތެއް ޖެހިދާނެކަމުގެ ޚުރާފާތެއްވެސް ފެތުރިފައި އޮންނަ މަހެކެވެ. މި ޚުރާފާތް ނައްތަވައިލެއްވުމުގެ ގޮތުން، ކީރިތި ރަސޫލާصلى الله عليه وسلم ޢައިޝާ ރަޟިޔައްﷲ ޢަންހާއާ ކައިވެނި ބައްލަވާވަޑައިގަތީ ޝައްވާލު މަހެއްގައެވެ.

ޝައްވާލު މަހަކީ، ހިޖްރީ ކަލަންޑަރުގެ ދިހަވަނަ މަހެވެ. ޝައްވާލު މަސް އަންނަނީ ރަމަޟާން މަހަށް ފަހުއެވެ. އަދި ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ، މުސްލިމުންނަށް އަންނަ ދެ ޢީދުގެ ތެރެއިން ފިޠުރު ޢީދު އަންނަ ދުވަހެވެ.
ޝައްވާލުމަހަކީ،އެ މަސްތަކެއްގެ މުހިންމުކަމަށްޓަކައި، އަޅުކަންކުރުމުގައި މުރާލިވުމާއި ރޯދަ ހިފުމުގެ ބޭނުމުގައި، މާތްﷲ، ޚާއްޞަކުރެއްވި މަސްތަކުގެ ތެރޭގައި ހިމެނޭ މަހެކެވެ. އަދި ޝައްވާލު މަހަކީ، ޙައްޖުގެ އަޅުކަމަށް ތައްޔާރުވުމަށް އޮތް މަހެއްވެސް މެއެވެ. އެހެންވީމާ، ޙައްޖުވުމަށް ނިޔަތްގަތްފައިވާ މީހާ، ޝައްވާލު މަހުގައި އިޙުރާމު ބަދެ، ތަމަޢްތުޢު ޙައްޖެއްވާ މީހަކުނަމަ، ޢުމްރާވުމަށްފަހު، އިޙުރާމުކަނޑައި، ޙައްޖު ދުވަހު، ޛުލް ޙައްޖަމަހުގެ އަށްވަނަ ދުވަހު، އިޙުރާމު ބަނުމާހަމައަށް އިންތިޒާރުކުރެވިދާނެއެވެ.

ޝައްވާލު މަހު، ޚާއްޞަކުރައްވާފައިވާ މުހިންމު އަޅުކަންކަމުގެތެރޭގައި:
- ރަމަޟާން މަސް ނިމުމާއެކު، ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ، ފިޠުރު ޢީދުވަހެވެ. ފިޠުރު ޢީދު ދުވަހަކީ، ރަޙިމުގެ ގުޅުންތަކާއި އެއްބަނޑު ތިމާގެކަމުގެ ގުޅުންތައް ގަދަކުރުމަށް އޮންނަ އުފާވެރި ފުރުޞަތެއްކަމުގައިވެއެވެ. ދޭދޭ ފަރުދުންގެ ހިތްތައް ސާފުކޮށް، ގުޅުންތައް ބަދަހިކުރުމަށް އޮންނަ ދުވަހެކެވެ. ފިޠުރު ޢީދު ދުވަހު، މުސްލިމުން ޖަމާޢަތުގައި އެއްވެތިބެ ޢީދުނަމާދު ކުރަނީ، އިސްލާމީ އުޚުއްވަތްތެރިކަމުގެ ޖޯޝާއެކުގައެވެ. އަދި ހަމައެހެންމެ ﷲގެ މަޣްފިރަތާއި ރަޙުމަތަށް އުންމީދުކުރާ ޙާލުގައެވެ. ފިޠުރު ޢީދު ދުވަހަކީ، މުސްލިމުންގެ ހިތްތަކުގައި ﷲއަށްޓަކައި ޝުކުރުވެރި ޝުޢޫރުތައް އުތުރި އަރަމުން އަންނަ ދުވަހެކެވެ. އެކަލާނގެ ފަޟްލަވަންތަވެރިކަމާއެކު، ރަމަޟާން މަހުގެ އަޅުކަން އަދާކުރުމުގެ ތަނަވަސް ފުރުޞަތު ދެއްވިކަމަށްޓަކައެވެ. ރަމަޟާން މަހުގެ އެންމެ ފަހު ދުވަހަށް އިރު އޮއްސުމުން ފިޠުރު ޒަކާތް ދިނުން ވާޖިބުވާނެއެވެ. އަދި ބައެއް މަޛްހަބުތަކުގައި، ފިޠުރު ޒަކާތް ދިނުން ވާޖިބުވާނީ، ޢީދު ދުވަހުގެ ފަޖްރުގެ އަލިކަން ފާޅުވާ ހިސާބުންނެވެ. ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތްދިނުން މޮޅު އިތުރުވެގެންވެއެވެ.

ފިޠުރު ޢީދުދުވަސް ފިޔަވައި، ޖެހިގެން އަންނަ ދުވަސްތަކުގައި ޝައްވާލު މަހުގެ ހަރޯދަ ހިފުން ހިމެނެއެވެ. ޝައްވާލުމަހުގެ، ހަ ރޯދައަކީ، ހިފުން މުސްތަޙައްބު ރޯދަތަކެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. [ރަމަޟާންމަހުގެ ރޯދަތައް ހިފުމަށްފަހު، ވިދިގެން އަންނަ ޝައްވާލު މަހު، ހަ ރޯދަ ހިފުމީ، މުޅި އަހަރު ދުވަހު ރޯދައަށް ހުރުން ފަދައެވެ. ޝައްވާލު މަހުގެ ހަ ރޯދަ ހިފައިފި މީހަކަށް، މުޅި އަހަރު ދުވަހު ރޯދައަށް ހުންނަ މީހަކަށް ލިބޭނެ ދަރުމައާއި އަޖުރު ލިބިގެންވާކަން މި ޙަދީޘުން ސާފުކޮށް އެނގެއެވެ. އަދި މީގެ އިތުރުން، ކޮންމެ ހެޔޮކަމެއް ދިހަގުނައަށް އިތުރުކޮށްދެއްވައެވެ. އެހެންވީމާ، ރަމަޟާން މަހުގެ ތިރީސް ރޯދަ ދިހަގުނަވެގެން ދިއުމުގެ މާނައަކީ، ތިން ސަތޭކަ ދުވަހުގެ ރޯދަ ހިފުމާ އެއްވަރުވުމެވެ. އަދި މިއާއެކު ޝައްވާލު މަހުގެ ހަ ރޯދަ، ދިހަގުނަވެގެން ދިއުމަކީ ފަސް ދޮޅަސް ދުވަސް ރޯދައަށް ހުރުންކަމުގައިވާއިރު، މުޅި ޖުމްލަ ތިންސަތޭކަ ފަސްދޮޅަސް ދުވަހު ރޯދަ ހިފުމާ އެއްވަރުވެގެން ދިއުމެވެ. ތިން ސަތޭކަ ފަސް ދޮޅަސް ދުވަހަކީ، ހިޖްރީ ކަލަންޑަރުގައި ހިމެނޭ މުޅި އަހަރުގެ ދުވަސްތަކާ އެއްވަރުގެ އަދަދެކެވެ. މާނައަކީ: މުޅި ރަމަޟާން މަހުގެ ރޯދައިގެ ދަރުމަ، ދިހަ މަހުގެ ރޯދަ ހިފުމާ އެއްވަރެވެ. އަދި ޝައްވާލު މަހުގެ ހަ ރޯދަ، ދެ މަސް ދުވަހުގެ ރޯދަ ހިފުމާ އެއްވަރެވެ.

ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް ޝައުޤުވެރިކަން އުފެދެނީ، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ޙާލުގައި ހުރެ، ރަމަޟާންމަހުގެ ރޯދަތައް ހިފުމުގެ ތައުފީޤުދެއްވިކަމަށްޓަކައި، އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. ޝައްވާލު މަހުގެ ހަ ރޯދަ ހިފާހިތްވުމަކީ، ﷲއަށް ކިޔަމަންތެރިކަން އަދާކުރާހިތްވުމުގެ ފާހަގައެކެވެ. މާތްﷲއަށްޓަކައި ރޯދަހިފުމަކީ، ރަމަޟާންމަހަށް އެކަނި ޚާއްޞަވެގެންވާކަމެއް ނޫންކަން ޤަބޫލުކުރާކަމުގެ ނިޝާނެކެވެ. މާތްﷲއަށް އުރެދޭނެ ކަމެއް ނުކުރުމުގެ ގަދަ ޢަޒުމެއް އޮތްކަން އަންގައިދޭ ފާގަހައެކެވެ.
އަދި މީގެ އިތުރުންވެސް، ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ، ފަރުޟު ނަމާދުތަކުގެ އިހު ސުންނަތާއި ފަހު ސުންނަތް ކުރުމުގެ ސަބަބުން، ފަރުޟު ނަމާދުކުރުމުގައި ހިމެނުނު އުނިކަންކަން ޢަފޫކޮށްދެނިވި ހެޔޮ ޢަމަލުތަކެއްކަމުގައިވާ ފަދައިން، ރަމަޟާންމަހުގައި ހިފި ރޯދަތަކުގައި ޝާމިލުވި އުނިކަންކަން ޢަފޫކޮށްދެނިވި ހެޔޮ ޢަމަލެއްކަމުގައި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނިގެންދިއުންވެއެވެ. ހަމައެހެންމެ، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށް ޝައުޤުވެރިކަން ހިތުގައި އުފެދިގެން ދިއުމަކީ، ރަމަޟާން މަހުގެ ރޯދަތައް މާތްﷲ ޤަބޫލުކޮށްދެއްވެވި ފާހަގައެއްކަމުގައިވެއެވެ. އެހެނީ ކޮންމެ ހެޔޮ ކަމެއްގެ ޘަވާބަކީ، އެފަދަ ހެޔޮކަމެއް ކުރުމުގެ ޝައުޤުވެރިކަން އުފެދި އެ ހެޔޮކަމެއް ކުރުމެވެ.

ރަމަޟާންމަސް ނިމުމުން، ރޯދަ ހިފުމާއި ނަމާދުކުރުމާއި، ޤުރްއާން ކިޔެވުމާއި، ޤުރްއާނުގެ މާނަ ދެނެގަތުމަށް މަސައްކަތްކުރުމާއި، މި ނޫންވެސް ހެޔޮ ޢަމަލުތައް ކުރުން ނިމުމަކަށް އައީއެއް ނޫނެވެ. އެ އާޚިލާފަށް، ތެދުވެރިކަމާއެކު ރަމަޟާންމަހުގެ އަޅުކަން އަދާކުރެވުނުކަމުގެ ނަތީޖާއަކީ،އައު ޢަޒުމަކާއެކު އަޅުކަމާއި ހެޔޮ ޢަމަލުކުރުމުގައި ސާބިތުވެ ހުރުމަށް އައު ހިތްވަރެއް އުފެދިގެން ދިއުމެވެ.

ޝައްވާލު މަހުގެ ތެރޭގައި އިޢުތިކާފަށް އިނުމަކީވެސް މުސްތަޙައްބުވެގެންވާކަމެކެވެ. ކީރިތި ރަސޫލާصلى الله عليه وسلم ޝައްވާލު މަހުގައި ދިހަ ދުވަހު އިޢުތިކާފުކުރެއްވިކަމަށް ސާބިތުވެއެވެ.

ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގައި، ވަކި ދުވަސްތަކެއް ކަނޑައެޅިފައެއް ނުވެއެވެ. ޝައްވާލުމަހުގެ ތެރޭގައި ޖުމްލަ ހަ ރޯދަ އެއްފަހަރާ، ވިދިވިދިގެން ހިފިނަމަވެސް، ނުވަތަ ތަފާތު ދުވަސްތަކުގެ މަތީން ހަ ރޯދަ ފުރިހަމަކުރިކަމުގައިވިޔަސް، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ ދަރުމައާއި ޘަވާބުލިބޭނެއެވެ. ކޮންމެ ހެޔޮކަމެއް ވީހާވެސް އަވަހަކަށް ކުރުން މޮޅު އިތުރުވެގެންވެއެވެ. މިއީ ޝާފިޢީ މަޛްހަބާއި، ޙަނަފީ މަޛްހަބުގެ އިމާމުންވެސް އެންމެ ބުރަވެ ވަޑައިގަންނަވާގޮތެވެ. އެހެންވީމާ، ފިޠުރު ޢީދުދުވަސް ފިޔަވައި ޖެހިގެން އަންނަ ދުވަސްތަކުގައި ޝައްވާލު މަހުގެ ހަ ރޯދަ ހިފައި ނިންމައިލުމަކީ ހެޔޮކަން ކުރުމުގައި ވީހާވެސް އަވަހެއްކުރުމުގެ ތެރޭގައި ހިމެނިގެންދާނޭ ކަމެކެވެ.

ޝައްވާލު މަހުގެ ތެރޭގައި ހިނގައި ދިޔަ މުހިންމު ޙާދިޘާތަކެއްގެ ހަނދާން އާވަމުންދެއެވެ. އޭގެތެރޭގައި، ކީރިތި ރަސޫލާ، ޢައިޝަތުގެފާނާ ކައިވެނި ބައްލަވައިގަތުމާއި، ޢުމައިރު ބިން ވަހުބުކިޔާ މީހަކާއި، ޞަފްވާން ބިން އުމައްޔާ ކިޔާމީހަކުވެގެން އިތުރު އެކަލޭގެފާނުގެ ފުރާނަފުޅަށް ގެއްލުންދޭން ރޭވިގެންދިޔުމާއި، ހިޖްރައިން ތިންވަނަ އަހަރުގެ ޝައްވާލުމަހުގެ ތެރޭގައި، އުޙުދު ހަނގުރާމަ ކުރެވިގެންދިއުމާއި، އެ ހަނގުރާމައިގައި ޙަމްޒާ ބިން ޢަބްދުލްމުއްޠަލިބާއި އެނޫންވެސް އެތައް ޞަޙާބީ ބޭކަލުންނެއް ޝަހީދުވެގެންދިއުމާއި، ހިޖްރައިން އަށްވަނަ އަހަރުގެ ޝައްވާލު މަހުގެ ތެރޭގައި، ޙުނައިނު ހަނގުރާމަކުރެވިގެންދިއުން ހިމެނެއެވެ.

އެޑިޓަރުގެ ނޯޓް

މިލިޔުމަކީ، ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސްލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާގެ ލިޔުއްވުމެކެވެ. މެލޭޝިއާގެ އިންޓަރނޭޝިނަލް އިސްލާމީކް ޔުނިވަރސިޓީން، އިސްލާމީ ފިޤްހުއާއި އުޞޫލުލް ފިޤްހުން ޑޮކްޓަރރޭޓް ޑިގްރީ ހާޞިލުކުރައްވާފައިވާ ޑރ ޒަކަރިއްޔާއަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި އިސްލާމީ ޝަރީޢަތާއި ޤާނޫނު ކިޔަވައިދެއްވުމުގައި ޚިދުމަތްކުރައްވަމުން އަންނަތާ 30 ވުރެ ގިނަ އަހަރުވަނީ ވެފައެވެ. އަދިވެސް މި ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ ޒަކަރިއްޔާ ވަނީ ސީނިއަރ ލެކްޗަރަރއެއްގެ ގޮތުންނާއި ސްކޫލާއި ކޮލެޖު ހިންގެވުމުގެ އިސް މަޤާމުތައް އަދާކުރެއްވާފައިއެވެ.