ޚަބަރު

އެންމެ ވައި ގަދައީ ހދ. އަތޮޅަށް، ބައެއް ރަށްތަކަށް ގެއްލުންތައް


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފިއެވެ. މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށެވެ.

ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ، އޭގެފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މެޓް އޮފީހުން ވިދާޅުވީ މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގުއުތުރަށް ރާއްޖެ އާއި ދުރަށްކަމަށާއި، އެ ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދެމުންދާކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ޞަރަޙައްދުގައި ޚާއްސަކޮށް އުތުރާއި މެދުތެރޭގެ ސަރަޙައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެއޮފީހުން އެންމެފަހުން ނެރުނު އެލާޓަށް ބަލާއިރު ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެ އިދާރާއިން މި ސަރަހައްދަށް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 15:30ގެ ނިޔަލަށެވެ. މިވަގުތުތަކުގައި މި ސަރަހައްދަށް ބޯކޮށް ވާރެވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާލުރެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިދިޔަ 24 ގަޑިއިރުގެތެރޭގައި އެންމެ ވައިގަދަވިކަމަށް ރެކޯޑްކުރެވިފައިވަނީ ހދ ކުޅުދުށްފުއްޓަށެވެ. އެރަށް އާއްމުގޮތެއްގައި ވައިގެ ބާރުމިން 28 މޭލުގައި ހުރި އިރު ކޮޅިގަނޑުގައި ވައިގެ ބާރުމިން ހުރީ 62 މޭލުގައެވެ. ކުޅުދުށްފުޓަށް ޖެހުނު ބާރު ވަޔާއިއެކު އެރަށަށް ވަނީ ބައެއް ގެއްލުންތައްވެފައެވެ. އެގޮތުން ކުޅުދުއްފުށިން ގެއެއްގެ ފުރާޅު އެއްލާލާ، ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި 3 ބުރި އިމާރާތުގެ ފުރާޅުން ބައެއް ނެއްޓިގެން ވަނީ ރިޕޯރޓްކޮށްފައެވެ.
ކުޅުދުށްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އަދި ކައުންސިލްއާއި އެމްއެންޑީއެފް ގުޅިގެން ގެއްލުންވި ތަންތަނަށް އެހީވުމުގެ މަސައްކަތް އެ ކައުންސިލާއި އެމްއެންޑީއެފްގެ ޓީމު ގުޅިގެން ކުރަމުން އަންނަކަމަށެވެ.

މި ވިއްސާރައިގައި ހދ. ވައިކަރަދޫއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި 1000 އަށްވުރެ ގިނަ ގަސް ވެއްޓިފައިވާ ކަމަށެވެ. ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ވައިކަރަދޫއަށް ދިމާވި މިކާރިސާއާއި ގުޅިގެން ދަނޑުވެރިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަންވެސް ވާފިރު ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވާކަމަށްވެސް ވާފިރު ވިދާޅުވިއެވެ.

ވައިކަރަދޫގެ އިތުރުން ހދ ނެއްލައިދޫއަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެރަށުގެވެސް ބައެއް ގޭގެއާއި އޮޑި ހަރުގެތަކުގެ ފުރާޅު އެއްލާލުމުގެ އިތުރުން ވަރަށް ގިނަ ގަސްވެއްޓިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. ރަށްރަށަށް ލިބުނު ގެއްލުމުގެ ތަފްސީލް ބަލަމުންދާކަމަށް ކައުންސިލްތަކުން ވިދާޅުވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ލ. ކައްދޫއަށެވެ. އެރަށަށް 59.0 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ.

އުތުރާއި މދުރާއްޖެތެރޭގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މިގޮތުން ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރެވޭނެކަމަށާއި ދެކުނު އަތޮޅުތަކަށް ވިލާގަނޑުގައި 50 މޭލަށްވުރެ ބާރަށް ވައިޖެހޭނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި ރާޅުގެ އުސްމިން ހުންނާނީ 4 ފުޓާއި 8 ފޫޓާއި ދެމެދުގައެވެ. އެހެންކަމުން ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުން އެކަށިގެންވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.