ޚަބަރު

'ރާދޭ' ގެ ސީކުއަލްއެއް ހަދަނީ؟


އިއްޔެ ރިލީޒް ކުރަން ހަމަޖެހިފައިވާ ސަލްމާނު ޚާންގެ ފިލްމު "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް" އަކީ 2019 ވަނަ އަހަރު ނެރުނު އޭނާގެ ފިލްމު "ވޯންޓެޑް" ގެ ސީކުއަލްއެއް ނޫންކަމަށް އަނެއްކާވެސް ސަލްމާނު ބުނެފިއެވެ. އޮންލައިންކޮށް މީޑިއާތަކާއި ވާހަކަދައްކަމުން ސަލްމާނު މިހެން ބުނެފައިވަނީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ފިލްމުގައި އެއްގޮތް ކަމެއް އެކުލެވޭނީ ފިލްމު ޑައިލޮގްގެ ތަންކޮޅެއް ކަމަށްވާ "ކޮމިޓްމެންޓް" ހާ ހިސާބުންކަމަށާއި އެއީ "ވޯންޓެޑް" އާއި އެއްގޮތަށް "ރާދޭ" ގައިވެސް ސަލްމާނުގެ ރޯލަކީ ފުލުސް އޮފިސަރެއްގެ ރޯލަށް ވީމާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ބެލުންތެރިންގެ ސަޕޯޓް ލިބޭ ކަމުގައިވާނަމަ "ރާދޭ" ގެ ސީކުއަލްއެއްވެސް ހެދިދާނެ ކަމަށް ސުޕަރސްޓާރ ވަނީ ބުނެފައެވެ.

ފިލްމު "ވޯންޓެޑް" އަދި "ރާދޭ" ގައިވެސް ބޭނުންކޮށްފައިވާ މަޝްހޫރު އެ ޑައިލޮގަކީ 'އޭކްބާރް ޖޯ މޭނޭ ކޮމިޓްމެންޓް ކަރްލީތޯ މޭ ޚުދުކީބީ ނަހީ ސުންތާހޫ' އެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމު "ރާދޭ" އަކީ ދެކުނު ކޮރެއާގެ ފިލްމު "ވެޓަރަން" ގެ ހިންދީ ރީމޭކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ސަލްމާން ޚާން، ދިޝާ ޕަތްނީ، އަދި ރަންދީޕް ހޫޑާއެވެ. މިދިޔަ ހަފްތާވަނީ ފިލްމުގެ ޓައިޓްލް ލަވަ 'ސީޓެ މާރް' ރިލީޒްކޮށްފައެވެ. މި ލަވަ އަކީ މިދިޔަ އަހަރު މަރުވި މިއުޒިކް ޑައިރެކްޓަރު ވާޖިދު ޚާން ކޮމްޕޯޒްކުރުމުގައި ހިއްސާވި ފަހު ލަވައެވެ.
"ރާދޭ" އަކީ ސަންޖޭ ލީލާ ބަންސާލީ މިއަހަރު ފިތުރު އީދުގައި ގެނެސްދޭން އުޅުނު "އިންޝާﷲ" ދޫކޮށްލުމަށް ފަހު، ސަލްމާން އެ ތާރީޙުގައި ބެލުންތެރިންނާ ބައްދަލުކުރާނެ ކަމަށް ވައުދުވި ފިލްމެވެ.