ކުޅިވަރު

ބައިނަލްއަގްވާމީ ދެ މުބާރާތަށް ގޮތެއް ނިންމާނީ ޖޫން މަހުގެ ފަހުކޮޅުގަ - ޢަލީ ރަޝީދު


ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާނީ މިއަހަރުގެ ޖޫންމަހުގެ ފަހުކޮޅުގައި ކުރިއަށްދާ މަޝްވަރާތަކަށްފަހުގައިކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަލީ ރަޝީދު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓް މަހުގައެވެ. ޓީޓީއަކީ މިފަހުގެ ތާރީހުގައި ރާއްޖެއަށް އެންމެ ގިނަ ރަން މެޑަލް ހޯދައިދިން އެއް ކުޅިވަރެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ މިދެ މުބާރާތް މިއަހަރުގެ އޯގަސްޓް މަހުގައި ބޭއްވުމަށް ތާވަލްކޮށްފައި ވީނަމަވެސް، މުބާރާތް ކުރިއަށްދާނީ މިސަރަހައްދުގެ ގައުމުތަކުގައި ކޯވިޑް-19ގެ ހާލަތަށް ބެލުމަށްފަހުގައިކަމަށެވެ. ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތުގައި 6 ގައުމު ވާދަކުރާއިރު ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މިސަރަހައްދުގެ 8 ގައުމު ވާދަކުރާނެއެވެ. އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ މިހާރު ކޯވިޑް-19ގެ ހާލަތަށް ބަލާއިރު، އިންޑިޔާ، ސްރީލަންކާ ނޭޕާލް އަދި ބަންގްލަދޭޝްއަށް މިވައިރަހުން އަރައިގަތުމަށް ގިނަ މަސްތަކެއް ނަގާނެކަމަށް ބެލެވޭއިރު، ބައިނަލްއަޤުވާމީ މިދެ މުބާރާތާމެދު ގޮތެއް ނިންމާނީ ޖޫންމަހުގެ ފަހުކޮޅުގައި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހުގައިކަމަށްވެސް ރައީސް ޢަލީ ރަޝީދު ވިދާޅުވިއެވެ.

އޮގަސްޓްމަހުގައި މުބާރާތް ބޭއްވުމަށް މިހާރު ތާވަލްކޮށްފައިވީނަމަވެސް، މުބާރާތް ކުރިއަށްގެންދެވޭނީ ގައުމުތަކަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް އޮވެގެންކަމަށާއި ކޯވިޑް-19އިން އަރައިގަނެ، އެންމެން އެއްތަނަކަށް އެއްވެވޭނެ މާހައުލެއް ޤާއިމުވެގެންކަމަށް ވެސް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަލީ ރަޝީދު ވިދާޅުވިއެވެ. ޖޫން މަހުގެ ފަހުކޮޅުގައި ގައުމުތަކާއި މަޝްވާރާކުރުމަށްފަހުގައި މުބާރާތް ބޭއްވުމާއި ބެހޭގޮތުން ގޮތެއް ނިންމާއިރު، ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ވެސް ވަރަށް ބޮޑަށް ރިޔާއަތް ކުރާނެކަމަށް ޢަލީ ރަޝީދު ވިދާޅުވިއެވެ. ރާއްޖެއިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މުބާރާތާބެހޭ ކަރުދާހެއް މިހާރުވެސް ވަނީ ކޮމަންވެލްޓް ޓޭބަލް ޓެނިސް ފެޑެރޭޝަނާއި ސައުތް އޭޝިއަން ޓޭބަލް ޓެނިސް ފެޑެރޭޝަނަށް ޚިޔާލު ހޯދުމަށް ހުށައަޅާފައެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ މުބާރާތަށް ތައްޔާރުވުމަށް އެންމެ ލަސްވެގެން ދެމަސް ދުވަސް ބޭނުންވާނެކަމަށާއި މުބާރާތަށް ބޭނުންވާ ސާމާނު ބޭރުގައުމުތަކުން ގެންދަން ބޭނުންވާތީ، އެކަމަށްވެސް ވަގުތު ބޭނުންވާނެކަމަށް އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ޓީމު މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުންވަނީ ސީނިއަރ އަދި ޖޫނިއަރ ޓީމުތަކުގެ ކޯޗަކަށް ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ހަމަޖައްސާފައެވެ. ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއަކީ ވަރަށް ތަޖްރިބާކާރު ކޯޗެކެވެ.