އިތުރު 2685 މީހުން ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 138000 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހި 2685 މީހުންގެ ތެރޭގައި މާލޭ ސަރައްޙައްދުން ވެކްސިން ޖެހި 448 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުން 2237 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 138890 އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 390 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިންގެ ޖެހި 209 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 181 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 302097 އަށް އަރާފައެވެ.
މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިނާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45އަށެވެ. ނަމަވެސް މާދަމާއަކީ ޢީދު ދުވަހަށްވުމުން މާލެ ސަރަހައްދުގައި ވެކްސިން ސެންޓަރުތައް ބަންދުވާނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ 3 ވެކްސިނެއް މިވަގުތުވެސް ރާއްޖޭގައި ދެމުންގެންދާއިރު، ރަޝިޔާގެ ވެކްސިންއަށްވެސް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ހުއްދަ ދެއްވާފައެވެ.