ޚަބަރު

ޒަރޫރީ ބޭނުމަށް ބޭރަށް ނިކުތުމުގެ ހުއްދަ ދޫކުރަން ފަށައިފި


މާލެ ސަރަޙައްދުގައި މިވަގުތު އޮތް ކާފިއުގެ ވަގުތުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ފުލުހުން ފާސް ދޫކުރަން ފަށައިފިއެވެ. ހުއްދަ ދޫކުރާނީ ފުލުހުންގެ ކޯލް ސެންޓަރުންނާ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ.

ކޯވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަޙައްދުގައި ބޭރަށް ނިކުމެ އުޅެވޭ ވަގުތުވަނީ މަދުކޮށްފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުގައިވާގޮތުން، ހުއްދަ ނެތި ހަވީރު 16:00އިން ފަތިހު 04:00އަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ. މިއާ ގުޅިގެން ޒަރޫރީ ބޭނުންތަކުގައި ނުވަތަ ޚާއްސަ ހާލަތްތަކުގައި ބޭރަށް ނިކުންނަންޖެހޭ މީހުންނަށް ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދައާއެކުއެވެ.

ފުލުހުން މިހާރުވަނީ ހުއްދަ ދޫކުރަން ފަށާފައެވެ. ހުއްދަ ދޫކުރާނީ ފުލުހުންގެ ޕޯޓަލް police.gov.mv/permit މެދުވެރިކޮށާ ފުލުހުންގެ ކޯލް ސެންޓަރ 1665 އިންނެވެ.

އެމަޖެންސީ ޙާލަތް ނޫން ޙާލަތުގައި ސިއްޙީ ޚިދުމަތްތައް ހޯދަން ދިއުމާ، އެހެނިހެން ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނިކުންނަ ނަމަވެސް ފުލުހުންގެ ހުއްދަ ނަގަން ޖެހޭނެއެވެ. ފުލުހުން ވިދާޅުވީ ޓެކްސީފަދަ ދަތުރުފަތުރުގެ ޚިދުމަތްވެސް ހޯދޭނީ، ފުލުހުންގެ ހުއްދައެއް އޮވެގެން ބޭރަށްނިކުމެ އުޅޭ މީހުންނަށް އެކަނިކަމަށެވެ.

ކޯވިޑާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ތިބެގެން ޚިދުމަތް ދިނުންވެސްވަނީ މަނާކޮށްފައެވެ. ނަމަވެސް ޓޭކްއަވޭއާ ޑެލިވަތީގެ ޚިދުމަތް ދެވޭނެއެވެ. ފުލުހުން ވިދާޅުވީ ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ ހަވީރު 16:00އާ ހަމައަށްކަމަށެވެ. ނަމަވެސް ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ރޭގަނޑު 12:00އާ ހަމައަށް ދެވޭނެއެވެ. ފުލުހުން ވިދާޅުވީ މި ޚިދުމަތް ދިނުމަށް މިއަހަރުގެ ފެބްރުއަރީ 13ގެ ފަހުން ފުލުހުން ދޫކޮށްފައިވާ ފާސްތައް ބޭނުންކުރެވޭނެކަމަށެވެ. އަދި އަލަށް ޑެލިވަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކަށްވެސް ހުއްދަ ދެމުންދާނެކަމަށެވެ.

ކެފޭ ރެސްޓޯރަންޓްތަކާ ފިހާރަތަކުގައި މަސައްކަތް ކުރާ މީހުންވެސް، ޑިއުޓީއަށް ދާއިރާ އަދި އެނބުރި ގެއަށް ދާއިރު ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުންގެ ހުއްދައާ އެކުގައެވެ. އަދި އޮފީސްތަކަށް ދާ މުވައްޒަފުންވެސް އޮފީސް ކާޑާ ޑިއުޓީ ޔުނީފޯމް ބޭނުންކުރުމަށްވަނީ އަންގާފައެވެ. އެގޮތުން އެމްޕީއެލް، ކަސްޓަމްސް، އިމިގްރޭޝަން، ކެސިއުރިޓީ ފަރމް އަދި އެއަރޕޯޓް މުވައްޒަފުން ޔުނީފޯމްގަ ޑިއުޓީއަށް ދިއުމަށް ފުލުހުންވަނީ އަންގާފައެވެ.

ފުލުހުން ވިދާޅުވީ ކަރފިއުގެ ވަގުތުގައި ބޭރުތެރެ ބެލެހެއްޓުމުގެ ކަންކަން މިފަހަރު އިތުރަށް ވަރުގަދަކުރާނެކަމަށެވެ. އެޗްޕީއޭގެ އުސޫލާއެއްގޮތަށް ފުލުހުން އަންގާފައިވާ އެންގުންތަކަށް ތަބާނުވާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އުސޫލަށް ތަބާނުވާ ވިޔަފާރިތަށް 24 ގަޑިއިރަށް ބަންދުކުރާނެކަންވެސް އެޗްޕީއޭއިން އަންގާފައިވެއެވެ. އަދި މީގެކުރިން، ހުއްދަ ނެތި ކާފިއުގެ ފަގުތުގައި ބޭރުގައި އުޅޭ މީހުން ޖޫރިމަނާކުރަމުންވެސް އައިސްފައިވެއެވެ.