ޚަބަރު

އެންމެފަހުން ނީލޯފަރު ހިނގުމުގައި ޕާކުނުކުރެވޭގޮތް ހަދަނީ


ރައީސް ނަޝީދުގެ ގެކޮޅު ގ.ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ޕާކުނުރެވޭ ގޮތް ހަދައި އެ ސަރަޙައްދުން ބިއްލޫރުޖެހި ކޮށީގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މި ޕާކިން ޒޯން ހަދަނީ ބިއްލުރިޖެހިގޭގެ ބިމުގައި ހުސްކޮށް އޮތް ޖާގައިގައެވެ. މިހާރު ކުރިއަށްގެންދަނީ އެ ބިމުގައި ގާ އަތުރައި ބިން ތައްރާރުކުރުމުގެ މަސައްކަތެވެ.

މާލޭގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އެބިމުގައި ޕާކިން ޒޯނެއް ހެދުމަށް ބޭނުންވާ ހުއްދަ ޕްލޭނިން މިނިސްޓްރީން މިހާރު ސިޓީ ކައުންސިލަށް ދީފައިވާކަމަށެވެ.

ޒޯން ހެދުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު މިހާރަށް ބޭނުންކުރުމަށް ހުޅުވާލާ ސަރަޙައްދުގައި ގާއެތުރުމުގެ މަސައްކަތް މިރެއަށް ނިންމާލާނެކަމަށް ސިފާ ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުގައި ޕާކުކުރެވޭނީ ކިހާ އުޅަނދެއްކަން ނިންމުމާއި، މާކުތައް ކުރެހުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ބިއްލޫރިޖެހިގޭ ޕާކިން ޒޯން ޚާއްސަކުރާނީ ސައިކަލު ޕާކުކުރަން އެކަންޏެވެ.

ސިފާ ވިދާޅުވީ މި ޒޯނާއެކު ނީލޯފަރު ހިނގުމަކީ އުޅަނދު ޕާކު ނުކުރެވޭ ގޯޅިއަކަށް ވާނެކަމަށާއި، އަދި މަޖީދީމަގުންވެސް ބައެއް ޒޯންތައް ހުސްކުރެވޭނެކަމަށެވެ.

ނީލޯފަރުމަގު ހުސްކޮށް އެ ސަރަޙައްދުގައި އެހެން ޕާކިން ޒޯނެއް ހެދުމަށް ކުރިންވެސް ސިޓީ ކައުންސިލުން މަސައްކަތްކުރިކަމަށާ، މަސައްކަތް ކުރިއަށް ނުގެންދެވި ވަނީ ބިމުގެ ހުއްދަ ނުލިބުމުންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ނީލޯފަރު ހިނގުމަކީ އުޅަނދު ޕާކު ނުކުރެވޭ ގޯޅިއަކަށް ހެދުމަށް ނިންމާފައިވާނީ، ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދޭންވާ ރައްކާތެރި ދިނުމުގެ ދޮތުންނެވެ. މިދިޔަ މަރޗްމަހު އެމްއެންޑީއެފުންވެސްވަނީ ސިޓީ ކައުންސިލަށް އެ ގޯޅީގައި ވެހިކަލް ޕާކު ނުކުރެވޭގޮތް ހަދައިދިނުމަށް އެދިފައެވެ.

މިދިޔަ ބުރާސްފަތިދުވަހުގެ ރޭ، ނީލޯފަރު ހިނގުމުގައި ހުރި ސައިކަލެއްގައި އެއްޗެއް ހަރުކޮށްގެން ގޮއްވާލައި ބަޔަކުވަނީ ރައީސް ނަޝީދަށް ޓެރަރިސްޓު ޙަމަލާއެއް ދީފައެވެ.