ޚަބަރު

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރަން ފަށަނީ


ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލްތަކަށް އަމަލު ކުރަމުން ދޭތޯ ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ. މި އިންސްޕެކްޝަނަކީ ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ މީހުން ދިރިއުޅޭ ރަށްރަށަށް ޚާއްސަކޮށްގެން ޓުއަރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.

މިއިންސްޕެކްޝަނަކީ މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ގެސްޓްހައުސްތަކުގެ މުވައްޒަފުންނާއި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ކޯވިޑްއިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކަށް އަމަލު ކުރަމުންދާ މިންވަރު ބެލުމަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ އިންސްޕެކްޝަނެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އިންސްޕެކްޝަންގެ ތެރެއިން ރެންޑަމް އުސޫލުން ކޮންމެ ދުވަހަކުވެސް ގެސްޓް ހައުސް އާއި ސިޓީ ހޮޓާތައް އިންސްޕެކްޓް ކުރަމުން ގެންދާނެ ކަމަށެވެ. މި އިންސްޕެކްޝަންތައް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާނީ ޓޫރިޒަމް މިނިސްޓްރީންނެވެ. ރަށްރަށުގައި އިންސްޕެކްޝަން ކުރިއަށް ގެންދާނީ ރަށު ކައުންސިލާއި ސިޓީ ކައުންސިލާއި ޓާސްކްފޯސްތައް ގުޅިގެން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ބެލުމަށްޓަކައި ކުރިއަށް ގެންދާ އިންސްޕެކްޝަންގައި ޤަވާއިދާ ޚިލާފަށް ހުރި ތަންތަނަށް އުޞޫލާ އެެއްގޮތަށް ރަނގަޅުކުރުމަށް އަންގާ ރަނގަޅުނުކުރާނަމަ ފިޔަވަޅު އަޅަންމުންދާނެކަމަށެވެ.

މީގެއިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުރިތޯ ބެލުމަށްވެސް އިންސްޕެކްޝަނެއް ފަށައިގެން ކުރިއަށްގެންދާ ކަމަށާއި މީގެ ދަށުން ވޭތުވެދިަޔ 24 ގަޑިއިރު 40 ތަނެއް ބަލާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ ތެރެއިން 25 ތަނެއް އުޞޫލާ އެއްގޮތަށް ހުރިކަމަށާއި 15 ތަނަކަށް އުޞޫލާ އެއްގޮތަށް ރަނގަޅުކުރުމަށް އަންގާފައިވާކަމަށާއި އުޞޫލާ އެއްގޮތަށް ރަނގަޅު ނުކޮށްފިނަމަ އެތަންތަން ޖޫރިމާނާ ކުރާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލާ ޚިލާފަށް ޚިދުމަތް ދޭނަމަ ފުރަތަމަ ފަހަރަށް 5000 ރުފިޔާއިން، ދެވަނަ ފަހަރު 25،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާއިރު އެންގުމާ ޚިލާފުވެ ކަންކަން ރަނގަޅު ނުކުރާނަމަ، ތިންވަނަ ފަހަރަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި ހަތަރުވަނަ ފަހަރު ޖޫރިމަނާގެ ގޮތުގައި 75،000 ރުފިޔާ ދައްކަންޖެހޭއިރު ފަސްވަނަ ފަހަރުގެ ޖޫރިމަނާއަކީ އެއްލައްކަ ރުފިޔާއެވެ.