ކ.މާފުށީގައި ނިޔާވި މީހަކު ކޯވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއީ މިއަދު މި ބަލީގައި ރާއްޖެއިން ނިޔާވި 3 ވަނަ މީހާއެވެ.
އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް19 ބަލީގައި ނިޔާވެފައިވަނީ 74 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ ހެނދުނު 4.45 ހާއިރުއެވެ. މި މީހާ ކޯވިޑް19އަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ނިޔާވިފަހުންނެވެ. މިއީ ރާއްޖޭގައި މި ބަލީގައި ނިޔާވި 87 ވަނަ މީހާއެވެ.
މިއަދު ކޯވިޑް ބަލީގައި އިތުރު 2 މީހުންވެސް ވަނީ ނިޔާވެފައެވެ. މިއަދު ފުރަތަމަ ނިޔާވީ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހާ ނިޔަވީ ފަތިހު 04:00 ހާއިރުއެވެ. ދެން ނިޔާވީ ބ.އޭދަފުށީ މީހެކެވެ. މި މިހާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވެފައިވަނީ އުމުރުން 85އަހަރުގެ ފިރިހެނެކެވެ.
މިހާތަނަށް ރާއްޖެއިން މިވަލީގަ 87 މީހުން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 74 ދިވެހިންނާއި 13 ބިދޭސީންނެވެ.
ވޭތުވެމިދާ ހަފްތާއަކީ ރާއްޖޭގައި ކޯވިޑް19 ބަލީގައި ރެކޯޑް އަދަދަކަށް މީހުން ނިޔާވި ހަފްތާއެކެވެ. މިދިޔަ ބުރާފަސްތި ދުވަހު އެކަނިވެސް 5 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި އަތޮޅުތަކުން ނިޔާވި 4 މީހުން ހިމެނެއެވެ. އަދި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު ނިޔާވި މީހުންގެ އަދަދު 13އަށް އަރައެވެ.
2020ވަނަ އަހަރު މި ބަލީގައި ނިޔާވީ 52 މީހުންނެވެ. މިއަހަރުގެ މިހާތަނަށް ބަލީގައި 35މީހުން ވަނީ ނިޔާވެފައެވެ.
ރާއްޖޭގެ ކޯވިޑް19ގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ވޭތުވެދިޔަ 24ގަޑިއިރުވެސް 1000މީހުންވަނީ މުޅިން އަލަށް މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 250އަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރޭގައި އައިސީޔޫއާ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ވަރަށް ހާލު ދެރަ މީހުންވެސް ހިމެނެއެވެ.