މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގެ ބަނދަރުގެ ދަތިކަން ނިމުމަކަށް އަންނާނެކަމަށް ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.މިނިސްޓަރ ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި 16 ރަށެއްގެ ބަނދަރު ހައްދަވައި ނިމިފައިވާ ކަމަށެވެ. އަދި 25 ރަށެއްގެ ބަނދަރު މަރާމާތުކުރައްވާފައިވާނެ ކަމަށާއި މިހާރުވެސް 42 ރަށެއްގެ ބަނދަރުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި މިނިސްޓަރގެ ވާހަކަފުޅުގައި ރަށްރަށުގައި ބަނދަރުހެދުމުގެ މަސައްކަތަކީ ރައީސް ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މީގެ އިތުރުން އާބާދީ އެއްފަސްކުރުމަށްޓަކައި އެކި ދިރާސާތައް ކުރައްވަމުންގެންދަވާ ކަމަށާއި ، އެގޮތުން ރަށްރަށުގެ ބިންހިއްކުމާއި ގެދޮރު ޢިމާރާތްކުރެއްވުމުގެ މަސައްކަތް އަންނަ އަހަރުވެސް ބަޖެޓުން ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިދިޔަ ދެ އަހަރުގެ ތެރޭގައި 10 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަންވެސް މިނިސްޓަރ ކޮމެޓީގައި ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގައި އިންފްރާސްޓްރަކްޗަރ ޤާއިމްކުރެވުމުން އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އާއްމުންނަށް ބިމާއި ގެދޮރަށް އެދުމުގެ ފުރުޞަތުހުޅުވާލައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.