ޚަބަރު

120 އެނދާއެކު ހުޅުމާލެ ހޮސްޕިޓަލުގައި ކޯވިޑް ފެސިލިޓީއެއް

ކޯވިޑަށް ފަރުވާދިނުމަށް 120 އެނދާއެކު ހުޅުމާލެ ހޮސްޕިޓަލް ކޯވިޑް ފެސިލިޓީއަކަށް ބަދަލުކުރުމަށް ނިންމައފިއެވެ. އެޗްއީއޯސީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އިތުރުވުމާއި ގުޅިގެންނެވެ.

އެޗްއިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ޑައުން ގުރޭޑްކޮށް ކޮވިޑަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ ވަކިން ހުރި އިމާރާތުގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހަމަޖައްސާނެކަމަށެވެ. މިގޮތުން އެ އިމާރާތުގައި އައިސީޔޫއާއެކު 120 އެނދު ބަހައްޓާނެކަމަށާއި އެނދުތަކުގެ ތެރެއިން 58 އެނދަކީ މިހާރުވެސް އެ ހޮސްޕިޓަލުގައި ބޭނުންކުރާ އެނދުތައްކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ކޯވިޑަށް ފަރުވާދޭ ފެސިލިޓީއެއް ގާއިމްކުރިނަމަވެސް މިހާރުވެސް އެ ހޮސްޕިޓަލުން ލިބެންޖެހޭ މުހިއްމު ޚިދުމަތްތައް ލިބެމުންދާނެކަމަށް ނާސިރު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ކޯވިޑް ފެސިލިޓީއެއް އިތުރުކުރުމަށް ނިންމާފައިވާއިރު ހުޅުމާލޭގައި މިހާރު ހުރި ކޯވިޑް ފެސިލިޓީގައި 80 އިންސައްތަ އެނދުތައް ވަނީ ފުރިފައެވެ. އެތަނުގައި ޖުމުލަ 290 އެނދު ހުންނައިރު އެ ފެސިލިޓީއަށް 30 އެނދު އިތުރުކުރުމަށް ނިންމާފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު އިސްލާއިލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫވެސް ފުރިފައިވާކަމަށާއި އައިސީޔޫގައި ފަރުވާ ދެމުން އަންނަ ބަލި މީހުންގެ ތެރެއިން 65 އިންސައްތަ މީހުންނަކީ 40 އަހަރުން ދަށުގެ މީހުން ކަމަށެވެ. ޑރ. މުހައްމަދު އިސްލާއިލް ވިދާޅުވީ ކޯވިޑް ޖެހިގެން ސީރިއަސް ހާލަތަށް ދާ ޒުވާން އުމުރުގެ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށާއި އެހެންކަމުން ކޯވިޑް ކޮންޓްރޯލް ކުރުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ ނިސްބަތް އިތުރުވެ ހޮސްޕިޓަލުގައި އެޑްމިތްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ ނިސްބަތްވެސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިހާރުވެސް 250 މީހަކަށް ހޮސްޕިޓާތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރޭގައި 5 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު 3 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.