ވިޔަފާރި

މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝް އަދި އިންޑިއާއަށް ކުރާނެ


ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވީނަމަވެސް މޯލްޑިވިއަންގެ ދަތުރުތައް އެ ސަރަހައްދުތަކަށް ކުރާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ އެ ކުންފުނިން ބަންގްލަދޭޝްގެ ޑާކާއާއި އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރަމުން އައި ދަތުރުތައް ކުރާނެކަމަށެވެ. މި ދަތުރުތައް ކުރަނީ އެ ޤައުމުތަކުގައި ތިބި ދިވެހިންނާއި ރާއްޖޭގައި ތިބި އެ ޤައުމުތަކުގެ މީހުންނަށް އަމާޒުކޮށްގެންކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މިއަދުން ފެށިގެން ދެކުނު އޭޝިއާ ސަރަހައްދުން އަންނަ ފަތުރުވެރިން ފިޔަވައި އެހެން މީހުން ރާއްޖެ އައުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. މި ސަރަހައްދުތަކުން ރާއްޖެއަށް ފަތުރުވެރިންނަށް އާދެވުނު ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިންނަކަށް ނުދެވޭނެއެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ވޯކްޕާމިޓް ހޯލްޑަރުން ދިވެހިރާއްޖެއަށް އެތެރެވުން މިއަދުން ފެށިގެން ވަނީ މަނާކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ އަފްޤާނިސްތާން، ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.