ޚަބަރު

މޫސުން ގޯސްވުމުން ބައެއް ފްލައިޓްތައް ޑިލޭވެއްޖެ


  • ފްލައިޓްތައް ނުޖެއްސިގެން ލަސްވަނީ ވައިބާރުވުމުގެ އިތުރުން ހުޅުލެއަށް ބޯކޮށް ވާރޭވެހޭތީ ދުރު ފެންނަ މިންވަރު ވެސް ދަށްވުމުން

މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއައޕޯޓަށް ބޯޓުތައް ޖެއްސުމުގައި ދަތިތަކެއް ދިމާވެ ބައެއް ފްލައިޓްތައް ޑިލޭވެއްޖެއެވެ.

ފްލައިޓްތައް ޓްރެކް ކުރާ "ފްލައިޓްރާޑާ" އިން ފެންނަ ގޮތުގައި ރާއްޖޭގެ ވައިގެ ސަރަހައްދުގައި ފްލައިޓްތައް ނުޖެއްސިގެން މިދިޔަ ދެ ގަޑިއިރުގެ ތެރޭގައި ގިނަ ވަގުތު ވައިގެ ތެރޭގައި ދުއްވާފައިވެއެވެ. އޭގެ ތެރޭގައި، އެއިރޯފްލޮޓް، ގަތަރު އެއަރވޭސް، ސްރީލަންކަން އެއަރލައިންސް، އިންޑިގޯ އަދި ފިޓްސްއެއަރގެ ބޯޓުތައް ހިމެނެއެވެ. މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ސްރީލަންކާއިން ރާއްޖެއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއްވެސް މިހާރު ވަނީ ކޮލަމްބޯއަށް ޑައިވާޓްކޮށްފައެވެ.

ފްލައިޓްތައް ނުޖެއްސިގެން ލަސްވަނީ ވައިބާރުވުމުގެ އިތުރުން ހުޅުލެއަށް ބޯކޮށް ވާރޭވެހޭތީ، ދުރު ފެންނަ މިންވަރު ވެސް ދަށްވުމުގެ ސަބަބުންނެވެ. ވެލާނާ އެއަރޕޯޓުގެ ފްލައިޓް ޝެޑިއުލް ވެބްސައިޓުން ފެންނަ ގޮތުގައި އިންޓަރނޭޝަނަލް އެރައިވަލްގެ 7 ފްލައިޓެއް ވަނީ ޑިލޭ ވެފައެވެ.

ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.

މެޓް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ މި ދުވަސްވަރު މި ކުރާ ވިއްސާރައިގެ ތެރެއިން މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ މިއަދު ކަމަށެވެ.