ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ބައިނަލްއަޤުވާމީ ކޯޓު ނިޒާމުގެތެރެއިން ރަސްމީކޮށް ކާމިޔާބުކުރެވި، އޭގެ ފައިދާވަމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ބެލުމަށް އެކުލަވާލާ ކޮމިޝަންގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުން ގެއްލުނުބައި ހޯދުމަށް ފުރިހަމަކުރަންޖެހޭ ޤާނޫނީ އަދި އިޖުރާއީކަންކަން ސަރުކާރުން ކުރައްވަމުން އަންނަކަމަށެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، ދާދިފަހުންވެސް އެކަމާއި ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޓީމެއް ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތްކުރަމުންދަނީ ބައިނަލްއަޤުވާމީ، ޤާބިލް ޓީމަކާއެކުކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ރާއްޖެއިންކުރަމުންދާ މަސައްކަތުގެ ނަތީޖާ ރަނގަޅުވާނެކަމުގެ އުއްމީދުވަރަށް ބޮޑުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
" އެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް. އެކަން އަޅުގަނޑުމެން އޮންނާނީ އިޢުލާންވެސް ކޮށްފައި. އިރާދަކުރެއްވިއްޔާ ރަސްމީކޮށް ކޯޓުމަރުހަލާގެ ތެރެއިން ކާމިޔާބުކުރެވި އޭގެ ފައިދާ އަޅުގަނޑުމެންނަށް ކުރަމުންދާނީ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ގެއްލިގެން ދިޔައީ ނިމިދިޔަ ސަރުކާރުން އެ މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތުން ކަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއްކަމަށެވެ. އެ ސަރަހައްދު ދޫކޮށްލީ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަނުކޮށް، އެއްވެސް ހަމައެއްނެތިކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ ބެލުމަށް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، އެ ކޮމިޝަން އެކުލަވާލުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އެ ސަރަހައްދު ދޫކޮށްލުމުގައި ކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުކަމަށާއި، މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ބަދަލެއް ބޭނުންވި އެއްސަބަބަކީވެސް އެއީކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންނަށް މިކަން ހިނގައި ދިޔަގޮތް ވަރަށް ސާފު. އެއީ ރައްޔިތުން ބަދަލެއް ގެންނަން ބޭނުންވި އެއް ސަބަބު."ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުގެ މައްސަލަ ނިމިގެން ދިޔައިރު ރާއްޖެއަށް ކަނޑުގެ ސަރަހައްދު ގެއްލި އެކަމުގައި 37 މިލިޔަން ރުފިޔާ ހޭދަވެފައިވާ ކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކުރައްވާފައެވެ. މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށް ބައިނަލްއަޤްވާމީ ޤާނޫނީ ޓީމެއް އެކުލަވާލައި ދިރާސާކޮށް، އެ ދިރާސާ ކެބިނެޓަށް ހުށަހަޅާފައިވެއެވެ. މިމައްސަލަ ބައިނަލްއަޤްވާމީ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް ނިންމީ އެ ދިރާސާގެ މައްޗަށް ބިނާކޮށެވެ. އަދި މިމައްސަލައިގައި ދައުލަތަށް ގެންލުއްވާ ގޮތަށް ޢަމަލުކޮށްފައިވާތީ އެކަމާއި ގުޅިގެން ފިޔަވަޅު އަޅުއްވާނެކަމަށް މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.