ވިޔަފާރި

ސެންޓްރަލް އަދި އީސްޓަރން ޔޫރަޕުން އައި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް


އަހަރުގެ މިހާތަނަށް ސެންޓްރަލް އަދި އީސްޓަން ޔޫރަޕް ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 136.8 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑާއި ގުޅިގެން ބައެއް ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް ދަށަށް ދިޔަނަމަވެސް ބައެއް ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުތަކަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން ސެންޓްރަލް އަދި އީސްޓަރން ޔޫރަޕް ސަރަޙައްދުން މިއަހަރުގެ މެއިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް 185090 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 136.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ސެންޓްރަލް އަދި އީސްޓަރން ޔޫރަޕަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ކަޒަކިސްތާން، ޔޫކްރެއިން، ރޮމޭނިއާ، ބަލްގޭރިއާ، ޕޮލޭންޑް އަދި ސްލޮވޭކިއާ ފަދަ ޤައުމުތަކުން މިއަހަރުގެ މހާތަނަށް ރާއްޖެއަށްވަނީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މީގެތެރެއިން ޔޫކްރެއިންއަކީ މިހާރު ތިންވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެެވެ. އެޤައުމުން ރާއްޖެއަށް މިހާތަނަށް 22265 ފަތުރުވެރިން ވަނީ އައިސްފައެވެ. 2019 ވަނަ އަހަރު ރާއްޖެއަށް އެޤައުމުން މި މުއްދަތުގައި އައިސްފައިވަނީ 5000 އެއްހާ ފަތުރުވެރިންނެވެ.

ކަޒަކިސްތާނުންވެސް ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 16092 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ގާތްގަނޑަކަށް 2011 ފަތުރުވެރިންނެވެ. މީގެއިތުރުން އޭޝިއާ ސަރަޙައްދަށް ބަލާއިރު ސައުތު އޭޝިއާ ސަރަޙައްދުން މި މުއްދަތުގައި 95179 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ 2019ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 227.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަތުުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ 10 މާރކެޓްގެ ތެރޭގައި ހިމެނޭ ރަޝިއާ އާއި އިންޑިއާ ފަދަ ޤައުމުތަކުންވެސް ވަނީ 2021 ވަނަ އަހަރުގެ މެއިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 2019ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އަހަރުގެ މިހާތަަނަށްވަނީ 407196 ފަތުރުެވރިން ޒިޔާރަތްކޮށްފައެވެ. މިއީ 2019ވަނަ އަހަރާއި އަޅާ ބަލާއި 39.6 އިންސައްތަ ދަށް އަދަދެކެވެ. އަދި 2020ވަނަ އަހަރާއި އަޅާ ބަލާއިރު 6.4 އިންސައްތަ އިތުރު އަދަދެކެވެ.