ކުޅިވަރު

ޕްލޭއޯފް މެޗް ނުކުޅެވޭނެ، ގުރޫފް ސްޓޭޖްގެ މެޗްތައް ފަސްކުރަން މަޝްވަރާ ކުރަނީ - މަހުލޫފް


އޭއެފްސީ ކަޕްގެ މެޗްތަށް ރާއްޖޭގައި ނުކުޅެވޭނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަހުމަދު މަހުލޫފް މިހެން ވިދާޅުވެފައިވަނީ ހާއްސަ ގައިޑްލައިނެއްގެ ދަށުން އިންޑީޔާގެ ބެންގަލޫރު އެފްސީ ޓީމު މާލެއައިސް، އެޓީމުގެ ބައެއް ކުޅުންތެރިން މަގުމައްޗަށް ނިކުތުމާއި ގުޅިގެންނެވެ.

އޭއެފްސީ ކަޕްގެ ޕްލޭ އޯފްގައި މިމަހުގެ 11ވަނަ ދުވަހު ރާއްޖޭގެ ކުލަބް އީގަލްސްއާއި އިންޑިޔާގެ ބެންގަލޫރު އެފްސީ މެޗް ކުޅޭ ގޮތަށް ވަނީ ތާވަލްކޮށްފައެވެ. ނަމަވެސް ބެންގަލޫރުގެ ޓީމުން އެޗްޕީއޭ އަދި އޭއެފްސީގެ ގައިޑްލައިންތަކާއި ހިލާފުވުމުން މިހާރު ކޮލިފައިން މެޗް ރާއްޖޭގައި ނުކުޅެވޭނެކަމަށް ޔޫތް މިނިސްޓްރީއިންވަނީ އެފްއޭއެމްގައި އެދިފައެވެ. މިމުބާރާތަށްޓަކައި ރާއްޖޭގެ ކުލަބް އީގަލްސް އާއި މާޒިޔާއިންވެސް މިހާރުވަނީ ކޭންޕްކޮށްފައެވެ.


ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ މިހާރު މާލޭގައި އޭއެފްސީ ކަޕްގެ ޕްލޭއޯފް މެޗް ބޭއްވުމުގެ ފުރުސަތު ނެތްކަމަށާއި އަދި އިންޑިޔާގެ ބެންގަލޫރު އެފްސީ ފުރުމުގެ ކަންތައްތައް ކޮށްދިނުމަށް އެފްއޭމްގައި އެދިފައިވާކަމަށެވެ. އަދި ގުރޫޕް ސްޓޭޖުގެ މެޗްތައް ފަސްކޮށްދިނުމަށް އެފްއޭއެމް މެދުވެރިވެގެން އޭއެފްސީއާއެކު މަޝްވަރާތައް ކުރާނެކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވެފައިވެއެވެ.

އިންޑިޔާގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވެފައިވާ މިދަނޑިވަޅުގައި އިންޑިޔާގެ ޓީމެއް މާލެ ގެނައުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން މިނިސްޓަ މަހުލޫފާއި އެފްއޭމްއަށް އަމާޒްވެފައިވާއިރު، އިންޑިޔާގެ ޓީމު އައުމުގެ ކުރިން މިނިސްޓަރ މަހުލޫފްވަނީ މުބާރާތުގެ މެޗްތައް ކުރިއަށްދާނީ ރާއްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެންކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. އަދި ބެންގަލޫރު ޓީމް ގައިޑްލައިންއާއި ހިލާފުވުމުން އެޓީމާ
މެދުވެސް ފިޔަވަޅު އަޅައިދޭން ވެސް އޭއެފްސީގައިވަނީ އެދިފައެވެ.