ޚަބަރު

ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިޔާގެ ސްޓޭޓޫތައް ފުރަބަންދުކޮށްފި


ކޯވިޑް-19ގެ ސަބަބުން ޙާލަތު ގޯސްވެފައިވާ އިންޑިޔާގެ ގިނަ ސްޓޭޓުތަކެއް ފުރަބަންދުކޮށްފިއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅޭ ސްޓޭޓުތައްވެސް ހިމެނެއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާއެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ މީހުން ދިރިއުޅޭ އިންޑިޔާގައި މިހާތަނަށް 22.2 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 242،398 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 401،326 މީހުންނަށް ބަލިޖެހި 4،194 މީހުންވަނީ މަރުވެފައެވެ. އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެއް ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން އެހާ ގިނަ ޢަދަދެއްގެ މީހުން މަރުވި ދުވަހެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންނާއި މަރުވި މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން ފުރަބަންދުކުރާ ސްޓޭޓުތަކުގެ ތެރޭގައި ޓަމިލް ނާޑޫއާއި ކަރުނާޓަކާއާއި ކެރެލާއާއި ރާޖަސްތާނާއި ބިހާރާއި ނިޔު ދިއްލީ ހިމެނެއެވެ.

ޓަމިލް ނާޑޫ ފުރަބަންދުކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 10ވަނަ ދުވަހުން ފެށިގެން 24ވަނަ ދުވަހަށެވެ. ޓަމިލް ނާޑޫ ފުރަބަންދުކުރާނެކަން އިޢުލާނުކުރީ އެ ސްޓޭޓުގައި އެއް ދުވަހުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނިކޮށެވެ. މެއި މަހުގެ 7ވަނަ ދުވަހު އެ ސްޓޭޓުގައި 26،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ.

ތިރުވަނަންތަޕޫރަމު ހިމެނޭ ކެރެލާ ފުރަބަންދުކުރީ މެއި މަހުގެ 8ވަނަ ދުވަހުން ފެށިގެން 16ވަނަ ދުވަހުގެ ނިޔަލަށެވެ. ކެރެލާގައި ކޯވިޑް-19 ޖެހިފައިވާ 375،000އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ކެރަލާއަކީ އިންޑިޔާގައި ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ސްޓޭޓެވެ.

ބެންގަލޫރު ހިމެނޭ ކަރުނާޓަކާ ސްޓޭޓުގައި ދުވާލަކު 45،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހެއެވެ. ކަރުނާޓަކާ ފުރަބަންދުކުރަނީ މެއި މަހުގެ 10ވަނަ ދުވަހުން 24ވަނަ ދުވަހަށެވެ. އެ މުއްދަތުގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި ޢާންމުނަށް ބޭރަކަށް ނުނިކުމެވޭނެއެވެ. ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނީ ހެނދުނު 6ން 10އަށެވެ.

އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީ ހިމެނޭ ދިއްލީވަނީ އޭޕުރިލް މަހުގެ 19ވަނަ ދުވަހު ފުރަބަންދުކޮށްފައެވެ. މެއި މަހުގެ 10ވަނަ ދުވަހާ ހަމައަށް އެ ފުރަބަންދު ދަމަހައްޓާނެއެވެ. ފާއިތުވި މަހުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ދަށަށް ގޮސްފައިނުވުމުން ދިއްލީގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތުވަނީ ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ.

ބިހާރު ސްޓޭޓުގައި މެއި މަހުގެ 4ވަނަ ދުވަހު އިޢުލާނުކުރި ފުރަބަންދު 15ވަނަ ދުވަހާ ހަމައަށް ދަމަހައްޓާނެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބިހާރުގައި 13،000 މީހުންނަށް ބަލިޖެހި 3،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

އޭގެ އިތުރުން ޕަންޖާބު ފުރަބަންދުކުރުމަށް ނިންމާފައިވަނީ ހަފުތާ ބަންދާ ދިމާކޮށެވެ. އަދި މެއި މަހުގެ 15ވަނަ ދުވަހާ ހަމައަށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސްޓޭޓުގައި ކާފިއު ހިންގާނެއެވެ.

ފުރަބަންދު ނުކުރި ނަމަވެސް މަހާރަޝްތުރާއާއި ޕަންޖާބާއި އުއްތަރު ޕުރަދޭޝާއި މަދުޔަ ޕުރަދޭޝާއި ހަރްޔާނާއާއި އޮޑީޝާއާއި ޖަރުކަންދާއި ޗައްޓިސްގަރާއި ގުޖުރާތާއި ޓެލަންގަނާއި އަންދުރަ ޕުރަދޭޝްއާއި ގޯއާގައި އަޅާފައިވާ ފިޔަވަޅުތައްވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. ވެސްޓު ބެންގަލާއި އައްސާމާއި ޕުޑުޗެރީއާއި ނާގާލޭންޑާއި މިޒޯރަމާއި އުއްތަރަކަންދާއި ހިމާޗަލް ޕުރަދޭޝްގެ އިތުތުން ޖައްމުއާއި ކަޝްމީރުގައި އަޅާފައިވާ ފިޔަވަޅުތައްވެސްވަނީ ހަރުކަށިކޮށްފައެވެ.