ކުޅިވަރު

އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފުވުމުން ބެންގަލޫރު ޖެހެނީ ފުރަން - މިނިސްޓަރ މަޙްލޫފް


އެޗްޕީއޭ އާއި އޭއެފްސީގެވެސް ގައިޑްލައިނާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ހިލާފުވެއްޖެއެވެ. އިންޑިޔާގެ ބެންގަލޫރު އެފްސީ ރާއްޖެ އައިސްފައިވަނީ މިމަހުގެ 11ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ޕްލޭ އޯފްގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި ވާދަކުރާ މެޗަށެވެ.

އެޗްޕީއޭ އާއި އޭއެފްސީގެ ގައިޑްލައިން ބުނާ ގޮތުން މުބާރާތް ކުޅުމަށް ކުޅުންތެރިން ހޮޓަލުގައި ކޭންޕު ކުރުމަށްފަހު އެކުޅުންތެރިންނަށް ބޭރަކަށް ނުނިކުމެވޭނެއެވެ. އަދި ކުޅުންތެރިންނަށް ބޭރަށް ނިކުމެވޭނީ ހަމައެކަނީ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ އިތުރުން، މެޗަށް ދާން އެކަންޏެވެ. އިންޑިޔާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން މިދިޔަ ބުރާސްފަތި ދުވަހު މާލެއައިސްފައިވާއިރު، މާލެ އައިސް ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހެދި ކޯވިޑް-19ގެ ޓެސްޓުންވަނީ ނެގެޓިވްވެފައެވެ. ހޮޓަލުން ނުނިކުމެވޭނެކަމަށް ކުޅުންތެރިންނަށް އަންގާފައިވާއިރު، ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން އިއްޔެގެ މެންދުރު ފަހު ވަގުތެއްގައި މަގުމަތީގައި އުޅުތަންވަނީ ބައެއް އާންމުންނަށް ފެނިފައެވެ. މިއީ އެޗްޕީއޭ އާއި އޭއެފްސީގެ ގައިޑްލައިނާއިވެސް ހިލާފުކަމެކެވެ.



ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބެންގަލޫރު އެފްސީ ކުޅުންތެރިންގެ މިޢަމަލަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި މިއީ އެޗްޕީއޭ އާއި އޭއެފްސީން ކަނޑައަޅާފައިވާ ހަރުހަށި ގައިޑްލައިނާ ވެސް ޚިލާފު ޢަމަލެއްކަމަށެވެ. ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިންގެ މިއަމަލާގުޅިގެން އެޓީމް ވަގުތުން ވަގުތަށް ރާއްޖޭ ދޫކޮށް ދިއުމަށްވެސް މިނިސްޓަރ މަހުލޫފްވަނީ ގޮވާލައްވާފައެވެ.

އޭއެފްސީ ކަޕްގެ ޕްލޭ އޯފް އަދި ގުރޫޕް ސްޓޭޖުގެ މެޗްތައް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ އިރު، ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓީވް ވާ މީހުންގެ ޢަދަދު ދިޔައީ ރެކޯޑްއަދަދަކަށް އިތުރުވަމުންނެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މުބާރާތް ކުރިއަށްގެންދާތީ ބައެއް ފަރާތްތަކުން ދިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މުބާރާތުގެ ކަންތައްތައް ކުރިއަށްދާނީ ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ފުރިހަމައަށް އަޅައިގެންކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.