ވިޔަފާރި

ރިސޯޓް ތަރައްޤީކުރުމަށް ދޫކުރާ ރަށްތަކުގެ ބީލަން ފޮތް ވިއްކުން އޮންލައިންކޮށް


ރިސޯޓް ތަރައްޤީކޮށް ހިންގުމަށް ދޫކުރާ ރަށްރަށުގެ ބީލަން ފޮތް ވިއްކުން ކުރިއަށްދާނީ އޮންލައިންކޮށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް ފެތުރުން ހުއްޓުވުމަށް ސަރުކާގެ އޮފީސްތަކުން ދޭ ޙިދުމަތްތައް އޮންލައިންކޮށް ދޭން ނިންމުމާއި ގުޅިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބީލަން ފޮތް ވިއްކުމުގެ އެންމެހާ ކަންކަން ކުރިއަށްދާނީ އޮންލައިންކޮށްކަމަށެވެ.

މި މުއްދަތުގައި ބީލަން ފޮތް ގަތުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ އީ-މެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް ބީލަން ފޮތް އީ-މެއިލް މެދުވެރިކޮށް ޙިއްސާކުރާނެއެވެ. ބީލަން ފޮތް ލިބޭނީ 6 ޖޫންގެ ނިޔަލަށެވެ.

ރިސޯޓު ތަރައްޤީކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ. ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ އަލަށް ހުޅުވާލި ރަށްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި 97 ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ.

ރިސޯޓު ތަރައްޤީކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ކަނޑައެޅިއިރު، 23 ރަށެއް 16 ފަރާތަކަށް ދިނުމަށް ހުޅުވާލާފައެވެ. މިފަހަރު ހުޅުވާލި ރަށްތަކުގެ ތެރޭގައި އެއް ފަޅެއްގައި އޮންނަ ރަށްތައް ލިބޭނީ އެކަކަށެވެ. އެގޮތުން ގދ. އަތޮޅުން އެއް ފަޅެއްގައި ކައިރި ކައިރީ އޮތް 4 ރަށެއްވެސް ރިސޯޓް ތަރައްޤީކުރުމަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.