ޚަބަރު

ކޯވިޑް-19 : އިތުރު މީހަކު ނިޔާވެ، ޢަދަދު 83އަށް


ކޯވިޑް19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މި މީހާ ނިޔާވިކަން ކަށަވަރު ކުރެވުނީ، ހަރަކާތް ހުއްޓުގެން ހޮސްޕިޓަލަށް ގެނައުމުންކަމަށެވެ. މީހާގެ ޙާލު ދެނެގަތުމަށް އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައި ފަރުވާދީފައިވެއެވެ. 83 އަހަރުގެ މިއަންހެން މީހާ ނިޔާވީ މިރޭ 23:15 ހާއިރުއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް 19 ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 83އަށް އަރާފައެވެ. މިހާތަނަށް އައިއިރު މި ބަލީގަ ނިޔާވެފައިވަނީ 70 ދިވެހިންނާ، 13 ބިދޭސީންނެވެ.

ވޭތުވެ ދިޔަ 48 ގަޑިއިރަށް ބަލާއިރުވެސް ރާއްޖެއިން މި ބަލީގަ 9 މީހުން މިވަނީ ނިޔާވެފައެވެ. އަދި އެކްޓިވް ކޭސްތަކާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޯވިޑް19ގެ ކޭސްތައް ދުވާލަކަށް ފެންނަ މިންވަރު 700އިން މައްޗަށްވަނީ އަރާފައެވެ. މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 8000އިން މައްޗަށްވަނީ އަރައެވެ. އަދި 205 މީހުންނަށް ފަރުވާދެމުންދަނީ އެޑްމިޓްކޮށްގެންނެވެ.